އުތުރު ކޮރެއާއަށް ނުރައްކާވާ ފަދަ އެއްވެސް އަމަލަކަށް ލޯމަރައި އަޅާނުލާ ނުހުންނާނެކަމަށް އެ ގައުމުން ބުނެފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ނުރައްކާތެރިވާ ގޮތަށް އަމަލުކޮށްފި ހާލަތެއްގައި ޖަވާބުދޭނެކަމަށް ނޯތުކޮރެއާގެ ފަރާތުން ބުނެފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރުއެވެ. އަދި އޭނާ އެ ވާހަކަތައް ދެއްކެވީ ސަރަހައްދުގެ ސަލާމަތީ ކަންކަން ނުރައްކާތެރި ފައްތަރެއްގައި އޮތްކަމަށް ބުނެކަމަށެވެ.
ރަޝިއާގެ ކުރިއަށް ގެންދިޔަ ފޯރަމްއެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޗޯ ސަން ވޭ ވިދާޅުވީ، އެމެރިކާއިން ގެންގުޅެމުންދާ ބައިވެރިން ހޯދުމުގެ ސިޔާސަތާއި އެ ގައުމާއި ބައިވެރިވެފައިވާ އެހެނިހެން ގައުމުތަކުގެ ސަބަބުން މައްސަލަތައް ހޫނުވުމާއި ހަމަލާ ބަދަލުކުރުންތައް ތަކުރާރުވަމުންދިއުމުގެ ނުރައްކާތެރިކަން އުފެދިފައިވާކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައި ނޯތުކޮރެއާއިންވަނީ ޔުރޭނިއަމް މެދުވެރިކޮށް ނިއުކްލިއަަރ ހަކަތައް އުފެއްދުުގެ މަސައްކަތްތައް ކުރާ ފެސިލިޓީއެއްގެ މައުލޫމާތު އާންމުކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ގައުމުގެ މީޑިއާތަކުންވަނީ ރައީސް ކިމް ޖޮންގް އުން ނިއުކްލިއަރ ބާރުވެރިކަން އިތުރުކުރުމަށް ގޮވާލަމުންދާކަމުގެ މައުލޫމާތުތައްވެސް ދައުރުކޮށްފައިކަމަށެވެ.
މީޑިއާތަކުން ބުނާގޮތުން، އެމެރިކާއިންވަނީ ނޯތުކޮރެއާގެ މިސައިލުތަކާއި ނިއުކްލިއަރ ނުރައްކާތަކުން ރައްކައުތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި، ދެކުނު ކޮރެއާ އާއި ޖަޕާނުގެ ދެމެދު އޮންނަ ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކޮށްފައިކަމަށެވެ. އަދި ދާދި ފަހުން އިންޑިއާ އާއި އޮސްޓްރޭލިއާވެސް ހިމެނޭހެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މި ގައުމުތަކުންވަނީ ކޮރެއާ ބައްރުން ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ޔަގީންކަން އައުކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

