ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއާއިމެދު އދގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުނާއި ވާހަކަދައްކަވަމުން އަންޑާ ސެކްޓްރީ ޖެނަރަލް ފޯ ފޮލިޓިކަލް ޕީސް ބިލްޑިންގް އެފެއަރޒް ރޯސްމެރީ ޑިކާރލޯ ވިދާޅުވީ، އިސްރާއީލާއި ލުބުނާނުގެ ސަރަހައްދީ އިމުގެ ތެރެއަށް ހަމަލާތައް ދެމުންދާތާ އަހަރެއް ވުމާއި ގާތަށް ގޮށްފައިވާކަމަށެވެ. އަދި މިހާރު އެ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާކަމަށްވެސް ފާޙަގަކުރެއްވިއެވެ،.
އޭނާ ވިދާޅުވީ، ދެ ފަރާތުގައިވެސް އާންމުންގެ ގެދޮރަށާއި މުދަލުގެ އިތުރުން ދަނޑުގޮވާންކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށާއި މި ނުރައްކާތެރި ހާލަތު އިތުރަށް ގޯވެގެންދިއުމުގެ ފުރުސަތު އޮތުމަކީ އެ ދެ ގައުމުގެ އިތުރުން މުޅި ސަރަހައްދުގެ ވެސް ދެމެހެއްޓިނިވިކަމަށް އަސަރުކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އާންމުން ރައްކައުތެރިކުރުމަށާއި ކެތްތެރިކަން އިސްކުރުމަށްވެސް އިރުޝާދު ދެއްވިއިރު މިކަން ގޯސްވެގެން ދިއުން ހުއްޓުވުމުގެ ގޮވުން ހަރަކާތްތެރިވުމަށް އޭނާވަނީ ނުފޫޒު ގަދަ ގައުމުތަކަށް ގޮވާލައްވާފައެވެ.
އދގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކްވެސް ވަނީ މިކަމާއި ގުޅޭގޮތުން ސަލާމަތީ މަޖިލީހުގައި ވާޙަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މިފަހުން ދީފައިވާ ހަމަލާތަކުގެ ސަބަބުން ހަނގުރާމައިގެ އުސޫލުތަކުގެ ތެރެއިން ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މިހާރު އާންމުތަނެއްގައި ކުއްލި ގޮތަކަށް މުއާސަލާތީ ވަސީލަތްތަކެއް ގޮވަން ފެށުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރައްވާ އޭނާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، މިފަހުން ދީފައިވާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ރައްޔިތުންގެ ތެރޭގައި ބިރުވެތިކަން ފެތުރިފައިވާކަމަށާއި އެ ގައުމުގެ ރައްޔިތުންނަކީ މީގެ ކުރިންވެސް ސަރަަހައްދީ މައްސަލަތަކުގެ ދަތިކަމުގެ އިތުރުން އިގްތިސާދީ ދަތިކަމާއިވެސް ކުރިމަތިލަމުންދާ ބައެއްކަމަށެވެ. އެހެންކަމުން މިއީ ނިއު ނޯމަލްއަށް ވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

