ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ސަސްޕެންޑް ކޮށްފިއެވެ.
ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ.
އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެ ސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.
އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުގެ ގޮތުގައި މިހާތަނަށް 3،692 ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.
ބިދޭސީންނާއި ގުޅުން ހުރި ގިނަ މަސައްކަތްތައް މިވަގުތު ކުރަމުން ދާ ހޯމް މިނިސްޓްރީން ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ކުންފުނިތަކަށް އެންގި އެވެ. ޖުރިމަނާ ނުދައްކާ ގިނަ ބަޔަކު ސިސްޓަމުން ސަސްޕެންޑުކޮށް ”ސަންގު“ އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،500 ފަރާތަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ނުދައްކާ ހުރި ފީތަކުގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި ގާތްގަނޑަކަށް 18.7 މިލިއަން، ކޯޓާ ފީގެ ގޮތުގައި 6.3 މިލިއަން އަދި ކެންސެލޭޝަން ފީގެ ޖުރިމަނާގެ ގޮތުގައި 2.7 މިލިއަން ނުދައްކައި ހުރިކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ޖުމްލަ 253 މިލިއަން ދައްކަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީގެ އެންގުން އާންމު ކުރުމުގެ ކުރިން، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކާއި އެކްސްޕަޓް ސިސްޓަމްގެ ހިދުމަތް ލިބޭ ފަރާތްތަކާއި އެކު ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ އެވެ.

