ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔަރޑް އައްބާސް ޝަރީފު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް އައްބާސް މި ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ތަހުގީގުތައް ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް އަސްބާސް ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިވާއަށްވާއިރު ޕީޖީއަށް ދައުވާކޮށް ދޭން އެދި ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ހުށަހަޅާ މައްސަލަތަކެވެ.
މީގެއިތުރުން އައްބާސް ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި ވެސް ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޕީޖީ އައްބާސް ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވާފަ އެވެ.
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާން ވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބެވެ.

