ތިނަދޫ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އަރިހުން އެދިއްޖެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ގދ. ތިނަދޫ ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު މަސްވެރިނަށް ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށެވެ. މަސްވެރިންވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންކަމުން ވުޒާރާއިން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ އެދިފައެވެ.
މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްގީ ކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ޝިޔާމް ވިދާޅުވީ ތެލުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ރަށުގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށާއި އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ. މި ބައްދަލުވުމުގައި ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

