މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި މީހާކު އަމިއްލަޔަށް މަރުވެއްޖެއެވެ.
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ 6:25 ގައެވެ. އަދި އެވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައެވެ.
އަބްދުލް ޢަނީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާރވީސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ. އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވަނީ ތަހުގީގުކުރަން ފަށާފައެވެ.

