މިއަދު ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނު ތަސައްވުރު ކުރާ ބާރު މިނުގައި ޝަރީއަތްތައް ކުރިއަށް ނުދިއުމާއި ކޯޓުތަކުގައި ޝަރީއަތްތައް ފުނި ޖެހިފައި ހުރުމެވެ. ޖިނާއީ ބޮޑު ކުށަކަށް އަރައިގެންފައިވާ މީހަކަށް ތުހުމަތު ކުރެވި އެމީހަކު މުޖުތަމައުއަށް ދޫކޮށްލައިފިނަމަ ނުރައްކަލެއް ދިމާވެދާނެ ހާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތަށް ރިޔާއަތްކޮށް ބަންދުގައި އެމީހަކު ބެހެެއްޓުމުގެ ޖާގަ ލިބިގެން ވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި މީހަކު ބަންދުކުރުމުން އެއީ މައްސަލައެއްކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ. ”ވާނުވާ“ ބަންދު ނިމުމަކަށް ގެނެއުމަށް ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް އެކަން ނުވެ އޮތް އެންމެ ބޮޑު އެއް ސަބަބަކީ ކޯޓު ތަކުގައި އެކަށީގެންވާ ވަސީލަތް ނެތުމެވެ. މައްސަލަ އަކީ ކުށް ކުރާ މީހާ ބަންދު ކުރުމެއް ނޫނެވެ. އޭނާ ބަންދު ކުރާ ހިސާބުން ފެށިގެން އެމީހެއްގެ ޝަރީއަތްތައް ގާނޫނުގައި ބުނާ ގޮތަށް އެ ބާރުމިނުގައި ކުރިއަށް ނުދިއުމެވެ.
ކުށުގެ ވެށީގައި އުޅޭ މީހުން ކޮންމެ ސަބަބަކާއި ހުރެ ދޫވި ނަމަވެސް އަލުން އަނެއްކާ އެ ކުށް ތަކުރާރު ކުރާ ފަހަރުތައް މަދެއް ނޫނެވެ. ހަމަ އެފަދަކުށެއް އަލުން ތަކުރާރުކޮށް އެ މީހަކު އަނެއްކާވެސް ބަންދުކުރަން ޖެހޭ ފަހަރުތައް އަބަދުވެސް އާދައެވެ. ކޯޓުތަކުގައި ޖާގައިގެ ދަތިކަމަކީ ޝަރީއަތްތައް ލަސްވާ 50 އިންސައްތަކަމަށް ވާއިރު އޭގެ އަނެއް ބައި ހައްލު ކުރުމުގެ ބާރު އޮތީ ފަނޑިޔާރުންގެ އަތްމަތީގައެވެ.
ޝަރީއަތްތައް ހިންގާ ގޮތަށް ބަލާއިރު ދެ ޝަރީއަތެއް ދެމެދު އެތައް ދުވަހެއް ފާއިތު ވެގެން ދިޔުމަކީ ޝަރީއަތްތައް ލަސްވާ އެއް ސަބަބެވެ. ޝަރީއަތްތައް ތަކުރާރުކޮށް ކެންސަލް ވުމާއި އަދި ޝަރީއަތުގެ ތެރެއިން ވެސް ދައުވާ ކުރާ ފަރާތަށާއި އަދި ދައުވާ ލިބޭ ފަރާތަށް އިތުރު ވަގުތު ދޭން ޖެހުމާއި ލިބެންޖެހޭ ހުރިހާ ކަރުދާހެއް ނުލިބުމާއި އެފަދަ އެތައް ކަމެއް ކުރިމަތި ވެއެވެ. މިހުރިހާ ކަމަކީވެސް ޝަރީއަތްތައް ލަސްވާ ސަބަބުތަކެވެ.
ކޯޓުގައި މައްސަލަ ތާށިވެފައި ވާތީ ކުށުގެ ތުހުމަތު ކުރެވޭ މީހަކު ވާނުވާ ބަންދެއްގައި ގިނަ ދުވަސް ހުންނަން ޖެހިފައި ވަނީ ގާނޫނުގައި ބުނާ ގޮތުގެ މަތީން ތާވަލެއް އެކުލަވާލައި ޝަރީއަތް ކުރިޔަށް ނުގެންދާތީއެވެ. ތާވަލެއް އެކުލަވައިލައި ޝަރީއަތްތައް ކުރިއަށް ގެންދާ ނަމަ ވާނުވާ ބަންދެއް ނޯންނާނެއެވެ. މިއަދު ކުރާން ޖެހިފައި އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ ކޯޓު ތަކުގައި އޮތް ބެކްލޮގް އެއްކޮށް ނައްތާލުމެވެ. ބަންދުގައި މީހުން ބައިތިއްބައިގެން ޝަރިއަތް ކުރާތާ 12 އަހަރު ނުވަތަ 20 އަހަރުވެސް ވެގެން އެބަދެއެވެ. ޝަރީއަތް ނިމުމާއެކު އެމީހަކު މިނިވަންވުމުގައި އެ މީހެއްގެ އުމުރުން ހޭދަވެގެން އެދަނީ ވަރަށް ގިނަ އަހަރުތަކެކެވެ. އެހެންކަމުން ޝަރުއީ ނިޒާމަކީ އޭގެ އެންމެ ފުރިހަމައަށް ގާނޫނު ތަންފީޒު ކުރެވޭ ނިޒާމަކަށް ހެދުމަށް ޓަކައި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ދައުލަތްޗެސް އެކުގައި މަސައްކަތް ކުރަން ޖެހެއެވެ.
މައްސަލައިގެ އަނެއް ފަރާތައް ބަލާއިރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުރި މީހާ ކޮންމެވެސް ގޮތަކަށް ދޫވެއްޖެ ނަމަ ދެން ވާނެ ގޮތަކާމެދުވެސް ވިސްނަންޖެހެއެވެ.
މީގެކުރިން ހިނގައިދިޔަ ހާދިސާއެއްގައިވެސް ބްނަދުގައި ހުރި މީހާ ދޫވުމާއެކު އަނެއްކާވެސް އޭނާ ހައްޔަރުކުރަން ޖެހުނީ އެހެން ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޯށްގެންނެވެ. ބަންދުގައި ބައިތިއްބާފައިވާ މީހުން ދުކުރުމުން މިފަދަ ހާލަތްތަކެއް އަލުން ހިނގުމަކީ އެކަށީގެންވާކަމެކެވެ. އެއީ މި ކުޑަ ދިވެހިރާއްޖެއަށް ބެލި ނަމަވެސް ކުށް ކުރާ މިންވަރަށް ބަލާއިރު މުޅި ދުނިޔޭގައިވެސް ރާއްޖެ އޮތީ 40 ވަނައިގައެވެ. އަދި ކްރައިމް އިންޑެންކްސް އަށް ބަލާނަމަ އެއީ 55 އެވެ. ބޭރުގެ އިދާރާތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުށުގެ ވެށި އަންނަނީ އިތުރަށް ފުޅާ ވަމުންނެވެ. އޭގެ ތެރޭގައި ވައްކަމާ ފޭރުމާއި، ރަހީނު ކުރުމާއި އަދި މީހުން މެރުމާއި މިފަދަ އެތައް ކަމެއް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން މިއަދު ރާއްޖެއަށް ބޭނުންވަނީ ބަންދުން ބަޔަކު ދޫކޮށްލާނެ ނިޒާމެއް ނޫނެވެ. ކޯޓުތަކުގައި ޝަރިއަތްތަށް އެކަށީގެންވާ މިންވަރަށް ކުރިއަށް ގެންދެވޭނެ ނިޒާމަކާއި އަދި ގާނޫނުއޭގެ އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކުރެވޭނެ ނިޒާމެކެވެ. ޝަރުއީ ކޯތުތަކަށް ބޭނުންވާ ވަސީލަތް ނުލިބި ގާނޫނު ތަސައްވުރު ކުރާ މިންވަރަށް އެ ބާރުމިނުގައޮ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު ވިދާޅުވި ގޮތަށް ކަނޑުގައި ރޮނގެއް އެޅުން ފަދަކަމެކެވެ.

