ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އެކި މީހުންގެ އަތުން ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 2.2 މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިސް ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ހިމެނޭ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ގިނަވެފައިވާއިރު އަދިވެސް ސްކޭމްތަކުގައި މީހުން ޖެހޭ ނިސްބަތް ދަށްވެފައި ނުވުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރު ސްކޭމާ ގުޅުންހުރި 1,661 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، އޭގެ ޖުމްލަ އަގު 20 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 1,302 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާކަން ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ. ސްކޭމްގެ ޝިކާރައަކަށްވާ މީހުން މަދުކުރުމަށްޓަކައި ފުލުހުން ވަނީ ’ސްކޭމް ސެންޓަރު‘ އެއް ޤާއިމުކޮށްފައެވެ. މި ސެންޓަރު ޤާއިމުކޮށްފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޢަމަލުކުރާ ގޮތްތަކަށް ބަލައި، ޚާއްޞަކޮށް ސިންގަޕޫރުގައި ބޭނުންކުރާ ސިސްޓަމަށް އަހުލުވެރިވުމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް ހިންގާ މިންވަރު އިތުރުވެ، އެކި ބާވަތުގެ އުކުޅުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.

