ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ގައުމުތަކުގެ ކިބައިން އެދެވޭނީ، ސެކިއުރިޓީ ކައުންސިލުންވެސް ޑިމޮކްރެސީގެ އުސޫލަށް އަމަލުކޮށްގެން: ރައީސް

ސެކިއުރިޓީ ކައުންސިލު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ ސަލާމަތީ މަޖިލީހުން ޑިމޮކްރެސީއާއި ޖަވާބުދާރީވަނިވި އުސޫލެއްގެ މަތިން އަމަލު ނުކުރާ ހިނދު، މެމްބަރު ގައުމުތަކުގެ ކިބައިން އެގޮތުގެ މަތިން އަމަލުކުރުމަށް އުންމީދު ނުކުރެވޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އެ ޖަމާއަތަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވިފައިނުވާކަމުގެ މައްޗަށް އަލިއަޅުއްވައި މުހިންމު ސުވާލުތަކެއް ކުރައްވާފައެވެ. ގޯސްވަމުންދާ މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރާތްކުރައްވާ އެމަނިކުފާނުވަނީ އެ މަޖިލީހުގެ ބާރުވެރި މެމްބަރުން ހަގީގަތުގައިވެސް އެފަދަ މަގަކަށް މުޅި ދުނިޔެ އެޅިގެންދާން ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ. އަދި މިހާރު އެ މެމްބަރުން ދައްކަމުންދަނީ އެހެން ފަރާތްތަކަށް ފެނަން ބޭނުންވާ މިސާލުތަކެއްތޯވެސް ސުވާލު ކުރެއްވިއެވެ.

އަމިއްލައަށް ބިނާކޮށްފައިވާ އުސޫލުތަކުގެ ބާރުވެރިކަން ކެނޑިގެންދާން ބޭނުންވޭތޯވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ މަޖިލީހަށް އޮތް އިތުބާރު ގެއްލިގެންދިއުމުގެ ފަހަތުގައިވާ މައި ސަބަބުތަކަކީ ހަމަހަމަ ކަމާއިއެކު ހުރިހާ ގައުމެއް ތަމްސީލުވެގެން ނުދިއުމާއި، ޖަވާބުދާރީ ނުކުރެވޭ ގޮތަށް އޮތުމުގެ އިތުރުން ދެފުށް ފެންނަ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރެވިފައި ނެތުންކަމަށެވެ. ރައީސް ވިދާޅުވީ، އިތުބާރު ގެއްލުމަށް ދިމާވަނީ އެ ކައުންސިލުން ބައެއް ފަރާތްތަކުގެ މަސްލަހަތަށް މަސައްކަތްކުރާކަމަށް ފެނިގެންދާއިރު އަނެއް ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތް ކުރާތަން ފެނިގެން ނުދާތީކަމަށެވެ.

ރައީސް ވިދާޅުވީ، އެކަންކަން ބަދަލުކުރަންޖެހޭކަމަށާއި އެ ބަދަލުތައް މިހާރު ގެންނަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ މީހާރަށްވުރެ ރަނގަޅަށް ހުރިހާ މެމްބަރުން ތަމްސީލުކުރެވިގެންދާން ޖެހޭކަމަށާއި މިހާރު އެ މަޖިލީސް އެކުލަވާލެވިފައިވަނީ އިހުޒަމާނުގެ މިހާރުގެ ހާލަތާއި ނުބައްދަލު ގޮތަކަށް ކަމަށާއި މިއަދުގެ މެމްބަރުންގެ ހަގީގަތްތަކާއި ފުރިހަމައަށް ގުޅިފައިނުވާކަމަށެވެ.

މިސާލުތަކެއް ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުދި ގައުމުތަކަކީ ޔޫއެން މެމްބަޝިޕުގެ ފަސް ބައިކުޅަ އެއް ބައިކަމަށެވެ. އަދި އެ ގައުމުތަކުގެ އަޑުތައް މުހިިންމުކަމަށާއި ވިސްނުންތަކާއި ނަޒަރިއްޔާވެސް މުހިންމުކަމަށެވެ. ރައީސް ވިދާޅުވީ، މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ ފަދަ ގައުމުތަކުގެ ތަޖުރިބާވެސް މުހިންމުކަމަށާއި، ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސްއަށް ހާއްސަ ގޮނޑިއެއް މަޖިލީހުގައި ހުންނަން ޖެހޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މެމްބަަރު ބަދަލުވާ ގޮތަށް ދާއިމީ ގޮނޑިއެއް ސިޑްސްއަށް ކަނޑައެޅިގެންދިއުމަކީ ހަމަހަމަ ގޮތެއްގައި ހުރިހާ މެމްބަރުން ވެސް ތަމްސީލުވެގެންދާކަން ކަށަވަރުކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އެފްރިކާ ބައްރުގައި ވެފައިވާ އިހުމާލުތަކާއި ނާއިންސާފުތަކަށް ޖަވާބުދާރީކުރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައިވެސް އެކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި ހުރިހާ މެމްބަރުންގެ ޝާމިލުވުން އޮތް އެންމެންވެސް ތަމްސީލުވެގެންދާ ކައުންސިލެއް މިހާރަށްވުރެ ހަރުދަނާ ތަނަކަށް ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީ އާއި ޖަވާބުދާރީވަނިވި ގޮތެއްގެ މަތިން އެ ކައުންސިލުން އަމަލު ނުކުރާ ހިނދު، އެހެނިހެން މެމްބަރުންގެ ކިބައިން އެކަމަށް އުންމީދު ނުކުރެވޭނެކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް ހިތްވަރު ބޭނުންވާކަމަށާއި ވީޓޯ ކުރުމުގެ އުސޫލު ނައްތާލަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި ކައުންސިލު ނުކުޅެދިފައިވަނީ އެކަމުގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: