ވޭޕް އެތެރެކުރުން މަނާކުރަން ސަރުކާރަށް ގޮވާލައި ކަމާގުޅޭ އެކި ޖަމިއްޔާތަކުން ކެމްޕެއިނެއް ފަށައިފިއެވެ.
އެތައް ހާސް ވިހަ ކެމިކަލް އެކުލެވޭ ދުންފަތާއި ވޭޕް މަނާކުރަން ގޮވާލަމުން ދަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކުންނެވެ.
ވޭޕް މަނާކުރަން ޖެހޭ ސަބަބުތަކާ އެކު، އެކަން ތަންފީޒު ކޮށްދޭން ޑޮކްޓަރުންގެ ޖަމިއްޔާ އިން ގޮވާލާފައި ވަނިކޮށް މިއަދު ނަރުހުންގެ ޖަމިއްޔާ އިން ވެސް ވަނީ ވޭޕް މަނާކުރަން ގޮވާލައިފައެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައިވެސް ވަނީ އެދިފައެވެ.
އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ޑޮކްޓަރުންގެ ޖަމްއިއްޔާއިން ގޮވާލައިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މީގެ 18 އަހަރު ކުރިން އުފެއްދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ނެރުނު ބަޔާނުގައި ބުނީ ދުނިޔެ އާއި ރާއްޖޭގައި ވެސް ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ އެފަދަ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރާ ކަމެއް ކަމަށް އެތައް ދިރާސާއަކުން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމާއި ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ސްޓްރޯލް ޖެހުން ހިމެނެއެވެ. އެ ޖަމްއިއްޔާއިން ބުނިގޮތުގައި ދުންފަތަކީ އެތައް ހާސް ވިހަ ކެމިކަލް މާއްދާ އަދި 250 ވިހަ އެކުލެވޭ އެއްޗެކެވެ. އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާއިރު، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް ވަނީ ބުނެފައެވެ.
ހަތް ޖަމިއްޔާއެއް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އެންސީޑީ އެލަޔަންސުން ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް އަރިހުން އެދިފައިވާއިރު ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭޕް އަދި އީ-ސިނގިރޭޓަކީ ވެސް ދުންފަތުގެ ބާވަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާއިރު، މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން އިންތިހާ އަށް އިތުރުވެފައިވާތީ އެންސީޑީ އެލަޔަންސުން ކަންބޮޑުވާ ކަމަށެވެ.
ނަރުހުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ޒުވާނުންނާއި ސްކޫލްތަކުގައި ކިޔަވާ އުމުރުގެ ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް، އެ ތަކެތި ރައްކާތެރި ނުވުމުން ސީޑީސީ އަދި އެފްޑީއޭ ވަނީ އެ ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާ ކަން ނަރުހުންގެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
އެ ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގައި ވެސް މިހާރު އާއްމުވެ އަދި ފުރާވަރު އުމުރާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުންދާ އީ-ސިނގިރޭޓުގެ ސަބަބުން ދުންފަތުގެ ތަފާތު ނުރައްކަލަށް ހުށަހެޅިފައިވާ އާ ޖީލެއް ވަނީ އުފެދިފައެވެ. ވޭޕް ކުރަން ބޭނުންކުރާ ދިޔާ ތަކެތީގައި އެކި މާއްދާތައް އެކުލެވޭއިރު، އޭގައި އެންމެ ގިނައީ ނިކޮޓިން އަދި އެކި ރަހަ ލެއްވުމަށް ބޭނުންކުރާ ފްލޭވާ އަދި ތަފާތު އެކި ކެމިކަލްތަކެވެ.
ޑަބްލިއުއެޗްއޯއާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ.

