ސަރަހައްދީ ބާރުވެރިކަމަށް ބަދަލުތައް ގެނައުމަށް ބޭނުންވާ ފަރާތްތަކުން ރާއްޖެއާއިމެދު ޝައުގުވެރިވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރިންސްޓަން ޔުނިވާރސިޓީގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަައްދުގައި އުސޫލެއްގެ މަތިން ކަންކަން ދެމެހެއްޓިފައި އޮތުމަށް އެމެރިކާ އަދި ރާއްޖޭގެ ގުޅުން ވަރަށް މުހިންމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި ސުޕަރ ޕަވާއެއްގެ ދެމެދު ގުޅުން ގާއިމުވެފައި އޮތުން މުހިންމުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ހިތަށް އަރާފާނެކަމަށެވެ.
ރައީސް ވިދާޅުވީ، އެކަން މުހިންމުވަނީ އިންޑިއާގެ ކަނޑު ސަރަހައްދުގެ ސީ ލޭންސް އޮފް ކޮމިއުނިކޭޝަންއަކީ ދުނިޔޭގެ އިގްތިސާދުގެ އިތުރުން ހަކަތައިގެ ދާއިރާގައިވެސް މުހިންމު ދައުރެއް އަދާކުރާ މަގުތަކެއްކަމަށެވެ. އަދި ދުނިޔެ މަތީގައި އެއް ތަނުން އަނެއްތަނަށް އުފުލާ ބަލްކް ކާގޯގެ ތިން ބައި ކުޅަ އެއް ބައި ގެންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޔޫރަޕާއި އޭޝިއާ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގެ 75 އިންސައްތައަަށް ވުރެ އިތުރު އަދަދެއް ކުރެވިގެންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދު މެދުވެރިކޮށްކަމަށާއި މުޅި ދުނިޔެއިން ދުވާލަކު ބޭނުންކުރާ ތެލުގެ 50 އިންސައްތަ ދައުރުކުރަނީ މި ސަރަހައްދުންކަމަށެވެ. އެހެންކަމުން މި ސަަރަހައްދު މުހިންމުކަން ސާފުކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގެ މެދުގައިކަމަށާއި 90000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާއިރު އެންމެ ގިނައިން ދަތުކުރާ ބައެއް މަގުތައް ދައުރުކުރަނީ ރާއްޖޭގެ އިމުގެ ތެރެއިން ނުވަތަ ގާތުންކަމަށެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ މަތީގައި ބާރުވެރިކަން ހާސިލުކުރަން ބޭނުންވާ ފަރާތްތަކާއި ކަންކަމަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުންވެސް ރާއްޖެއަށް ޝައުގުވެރިކަން ގެންގުޅޭނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް އެކަން ވަރަށް ރަނގަޅަށް އެނގޭކަމަށާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތު ރައްކައުތެރިކޮށް މިނިވަންކަން ކަށަވަރުކުރުމަށް ވައުދުވެވަޑައިގަތީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ބިނާވެފައިވަނީ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމް ކުރުމާއި ސިޔާދަތީ ހަމަހަމަކަމަށް އިހުތިރާމްކުރުމުގެ މައްޗަށްކަމަށެވެ. އަދި މަލްޓިލެޓަރަލް ނުވަތަ ދެ ގައުމެއް ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު ހިނގަނީވެސް އެ އަސާސްތަކުގެ ސަބަބުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުސޫލެއްގެ މަތިން ކަންކަން ބިނާވެފައި އޮތުމުގެ މުހިންމުކަން ރާއްޖެއިން ބަލައިގަންނަކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ރާއްޖެއިން އަދާ ކުރާ ދައުރު އަގުވަޒަން ކުރާކަމަށެވެ.

