ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ބަޖެޓު ފާސްކޮށްފައި ވަނީ، މަޝްރޫއުތަކުގައި ހިޔާލީ އަދަދުތަކެއް ހިމަނައިގެންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު، ބައެއް މަޝްރޫއުތައް މަޑުޖައްސާލާފައިވާކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގު ކުރެ އެވެ. އަދި ބުނެފައި ވަނީ އެއްވެސް ރަށެއްގައި ހުރި މެޝިނަރީތައް އެހެން ރަށްތަކަށް ގެންގޮސްފައި ނުވާނެކަމަށެވެ.
މަޝްރޫއުތައް މަޑުޖެހޭ މައްސަލައިގައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހުސެއިން ވިދާޅުވީ، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރީ އެމްޑީޕީގެ ސަރުކާރުގައި، އެ ޕާޓީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހަކުން ކަމަށެވެ. އަދި މަޝްރޫއުތަކުގެ އަދަދު ގިނަކޮށް، ބަޖެޓުކޮށްފައި ހުރި ނަމަވެސް ހިމަނާފައި ހުރީ އެކަށީގެންވާ އަދަދުތަކެއް ނޫންކަމަށެވެ.
ހުސެއިން ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓުގައި ކިތަންމެ ގިނަ މަޝްރޫއުތަކެއް ހިމެނި ނަމަވެސް ނެތީ އެކަމަށް ބޭނުންވާ ފައިސާ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުތަކާއި ދިމާކޮށް ކުރީ ސަރުކާރުން އެގޮތަށް އަމަލުކޮށްފައި އޮތުމުގެ ސަބަބުން އެކަމުގެ ޒިންމާ ނަގަން ޖެހިފައި ވަނީ މި ސަރުކާރުން ކަމަށެވެ.
މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ހިމަނާފައި ހުރި އަދަދުތަކަކީ އެއްވެސް ގޮތަކަށް، މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ ގޮތަކަށް ހުރި އަދަދެއް ނޫން.. ބަޖެޓުގައި ޖަހާފައި، ބަޖެޓެއް ނެތް.. އަދަދުން ޕްރޮޖެކްޓުތަކެއް އެބަހުރި ފަށާފައި،
ހުސެއިން ވިދާޅުވީ ރައީސް މުއިއްޒު ސަމާލުކަން ދެއްވާފައި ވަނީ ނިމުމަކާއި ގާތްވެފައި ހުރި ޕްރޮޖެކްޓުތައް ނުވަތަ ބޮޑުބައި ކުރިޔަށް ގޮސްފައި ހުރި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި ބަޖެޓުން ޖާގަ ހޯދައިގެން އެ ނިންމެވުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށް ހުސެއިން ވިދާޅުވީ އެއްވެސް ހާލަތެއްގައި ރަށެއްގެ ޕްރޮޖެކްޓެއް ހުއްޓިފައި ނުވާނެކަމަށެވެ. މިއީ މި ސަރުކާރުން އެއްގޮތަކަށް ވެސް އަމަލު ކުރާނެ ގޮތެއް ނޫންކަން ހުސެއިން ފާހަގަކުރެއްވި އެވެ.
އެކި ރަށްތަކަށް ބަޖެޓުގައި ޖާހާފައި ހުރި މަޝްރޫއުތަކުގެ ތެރޭގައި ފުޓްސަލް ދަނޑުތައް އެޅުމާއި، މަގުތަކުގެ މަސައްކަތް ނުވަތަ ރައްޔިތުންނާއި ގުޅުން ހުރި އެހެން މަޝްރޫއުއެއް ހިމަނާފައި އޮތް ނަމަވެސް އެކަމަށް ހިމަނާފައި ހުރި ފައިސާތައް ލައްކައިން ވެސް އެބަހުރިކަމަށް ހުސެއިން ފާހަގަކުރި އެވެ. އެހެންކަމުން މިއީ އަސްލީ އަދަދުތަކެއް ނޫންކަމަށާއި، ބަޖެޓުގައި އެފަދަ ގޮތަކަށް ހިޔާލީ އަދަދުތަކެއް ޖަހައިގެން ރައްޔިތުންނަށް ހިދުމަތް ދޭނެ ގޮތަކީ ކޮބައިތޯ ހުސެއިން ސުވާލު އުފެއްދެވި އެވެ.
ހުސެއިން ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ސިއްހީ ނިޒާމުގެ ދަތިތައްކަމަށާއި، މިވީ އަހަރުތަކުގެ ތެރޭގައި ރަށްތަކަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވުމަކީ އެންމެ ބޮޑު ޝަކުވާކަމަށް މެމްބަރު ވިދާޅުވި އެވެ. ބަޖެޓުގައި ހޮސްޕިޓަލްތަކަށް ވެސް އަދަދުތަކެއް ޖަހާފައި ހުރިއިރު އަމަލީ ގޮތުން އެކަން ކުރުމުގެ ނިޔަތެއް ކުރީ ސަރުކާރުގެ ނެތްކަމަށް ހުސެއިން ވިދާޅުވި އެވެ.
ބަޖެޓު ފާސްކުރީ ގޯސްކޮށްކަމަށް ސަރުކާރުން ތަކުރާރު ކުރަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އޭރު ބަޖެޓުގެ މަސައްކަތްތަކަށް ކުރީ ޕީއެންސީ ބޭނުންވި ގޮތަށްކަމަށާއި، ބަޖެޓު ފަރުމާކޮށްފައި ވާނީ ފައިސާ ޗާޕު ނުކޮށް އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ފަހު ކުރިޔަށް ދެވޭނެ ގޮތަށް ކަމަށެވެ.
ނާޒިލް ވިދާޅުވީ ގައުމު މިހާތަލަށް ދިއުމުގެ އަސްލަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތައްކަމަށާއި، މަޖިލިސް ކުރީ ދައުރުގައި ބަޖެޓު ފާސްކޮށްދިނުމުގައި ގޯސްތަކެއް ހަދާފައި ނުވާނެކަމަށެވެ.

