ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕްގައި މައްސަލައެއް ނެތުމުން، ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.
ކުޑަކުދިން ޖެއްސާތީ ދޭ ބޭހެއްގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން، އެ ބޭސް ރާއްޖޭގައި ވިއްކުމާއި އެތެރެ ކުރުން މަނާކުރީ މިދިޔަ އޮގަސްޓު މަހުގެ 19 ގަ އެވެ. އޭރު އެ ބޭސް މަނާކޮށްފައި ވަނީ އެ ބޭހުން ކުނޑިތަކެއް ފެނުމުގެ ސަބަބުން އިތުރު ޓެސްޓުތަކެއް ހެދުމަށްޓަކަ އެވެ.
ބޭހާއި ގުޅޭގޮތުން އެމްއެފްޑީއޭ މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މައްސަލައާއި ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި އިތުރު ޓެސްޓުކޮށް ބަލަން ޖެހޭ ކަންކަން ބަލާފައިވާކަމަށެވެ. އަދި ބޭހުގައި މައްސަލައެއް ނެތްކަން މިހާރު ދެނެގަނެވިފައިވާކަމަށް އެމްއެފްޑީއޭ ވަނީ ބުނެފަ އެވެ.
ބޭހުގެ ކޮލިޓީއާއި ގުޅޭގޮތުން އުފެދޭ އެކި ބަހުސްތަކަށް، އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސުވާލު އުފެދޭ ދަށް ކޮލިޓީގެ ބޭސްތައް ރާއްޖެއަށް އެތެރެ ކުރުމެވެ. އެކަމަކު ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން، ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް އެސްޓީއޯއިން ވަނީ ވިއްކަން ފަށާފަ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނާނީ ޔޫރަޕްގެ ގައުމުތަކުގައު ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ކަމަށާއި އޭރުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެންމެ ފެންވަރު ރަނގަޅު ބޭސް ހަރަދު ކުޑަކޮށް ލިބިގެންދާނެ ކަމަށެވެ. ބޭހުގެ އަގު ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ބޭހުގެ ވިޔަފާރީގެ ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި އާންމު ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ޖާގަލިބިގެންދާނެ ކަމަށެވެ.

