ރާއްޖޭގެ އެތައް ވެރިންނެއް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިން ތަމްސީލުކޮށްފިއެވެ. ކޮންމެ ވެރިޔަކުވެސް ކުރެއްވީ އިހުލާސްތެރި މަސައްކަތްތަކެއް ނަމަވެސް މިހާތަނަށް ކުރެވުނު އެންމެ މަގުބޫލު މަސައްކަތްތަކެއް ފެނިގޮސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިންކަން ކަށަވަރެވެ.
ދުނިޔޭގެ ނަޒަރު ޔަގީނުންވެސް ރައީސްގެ ތަގުރީރަށް ހުއްޓިއްޖެއެވެ. އެތައް ވެރިންނެއް އެ މައިދާނުގައި ވާހަކަ ދެއްކެވިއެވެ. އެހެންނަމަވެސް މިނިވަން ބައިނަލްއަގުވާމީ ނޫސް ”އަލްޖަޒީރާއިންވަނީ“ ދިވެހިންގެ ރައީސްގެ ވާހަކަފުޅުތައް އިސްރާއީލުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް އެ ނޫހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެރިފައިވާ ރިޕޯޓެއްގެ އެންމެ މުހިންމު އެއް ބަސްދީގަތުމުގެ ގޮތުގައި ހިމަނާފައެވެ.
އަލްޖަޒީރާއިން ބުނެފައިވާގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިންދަނީ އެ ގައުމުން ހިފާފައިވާ ޣައްޒާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަތައް ދުނިޔެއަށް އާންމުވެގެންދިއުން ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރާމުﷲގައި ހުރި އެ ނޫހުގެ އޮފީހަށް ވަދެގަނެ މަސައްކަތްތައް ހުއްޓުވާލައި ބަންދުކޮށްލާފައިވާކަމަށެވެ.
އަލްޖަޒީރާއިންވަނީ ރައީސް މުއިއްޒު މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ދައްކަވާފައިވާ ވާހަކަތައް ރިޕޯޓަށް ބާރު ދިނުމުގެ ގޮތުން ބޭނުންކޮށްފައެވެ. ރައީސް ވިދާޅުވީ، އިސްރާއީލުންދަނީ ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރަމުންކަމަށާއި އެ މީހުންނަކީ މުޅި ދުނިޔޭގެވެސް ލޮލާއި ކަންފަތްތައްކަމަށެވެ. ރައީސް ވިދާޅުވީ، އެ ގައުމުންދަނީ ހަމަލާތަކުގެ ތެރޭގައި ނޫސްވެރިން މަރަމުންކަމަށާއި ފަލަސްތީނުގެ އިތުރުން ލުބުނާނުގައިވެސް އެފަދަ އަމަލުތައް ހިންގާފައިވާކަމަށެވެ. ރައީސްވަނީ ވަކިން ހާއްސަ ގޮތެއްގައި އަލްޖަޒީރާގެ ފަރާތުން ފަލަސްތީނުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިއެއްކަމަށްވާ ޝީރީން އަބޫ އަޚްލޭ މަރާލި މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ.
މި ރިޕޯޓުގައި އެ ނޫހުންވަނީ މައްސަލައިގައި އެންމެ މުހިންމު ކަންބޮޑުވުންތައް އަދި އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެ ވާހަކަތައް ދެއްކެވި ފަރާތްތަކުގެ ބަސްދީގަތުން ހިމަނާފައެވެ. އެގޮތުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޭ ގުޓޭރެޒްގެ ތަރުޖަމާނު ސްޓީވެން ޑުޖާރިކް އަދި އަޔަރލެންޑުގެ ރައީސް މައިކަލް ހިޖިންސްގެ މިކަމާއިމެދު ގެންގުޅުއްވާ ހިޔާލުތައް ފާހަގަކޮށްފައިވެއެވެ.

ސްޓީވެން ޑުޖާރިކް ވިދާޅުވީ، އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެނިގެންދަނީ ބޮޑެތި މައްސަލަތަކުގެ ތެރެއިން ނޫސްވެރިންގެ ޒިންމާތައް އަދާކުރުމުގައި އެޅިގެންދާ ހުރަސްތަކުގެ މިސާލެއްކަމަށެވެ. އަދި މައިކަލް ހިގިންސްވަނީ އިސްރާއީލުން އަލްޖަޒީރާގެ ހަރަކާތްތައް ހުއްޓުވާލުމަކީ ގިނަ ވާހަކަތަކެއް ހާމަަވެގެންދާ އަމަލެއް ކަމަށް އިޝާރާތްކުރައްވާފައެވެ. ރައީސް ވިދާޅުވީ، އިސްރޭލުން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކަށާއި ބައިނަލްއަގުވާމީ ގާނޫނާއި ހިލާފު އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވަންޖެހޭނެކަމަށެވެ.
ރައީސް ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް މުޅި ދުނިޔެއާއި ހިސާބަށް ގެނެސްދެނީ އަލްޖަޒީރާއިންކަމަށެވެ. އަދި އެއި ފެންނަން އޮތް ހަގީގަތެއްކަމަށްވުމުން އިސްރާއީލުން އަލްޖަޒީރާ ހުއްޓުވާލައިގެން ހާސިލުކުރަން ބޭނުންވަނީ ދުނިޔެއަށް އެ މަންޒަރުތައް ފޮރުވުމުގެ މަގުސަދުކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އަލްޖަޒީރާއިންވަނީ ރައީސްގެ ވާހަކަފުޅު އެކި ގޮތް ގޮތަށް އެ ޗެނަލްގެ ހަބަރުތަކުގައި ދައްކާފައެވެ. ވަކިން އެމަނިކުފާނު މި ކަމާއި ގުޅޭގޮތުން ދެއްވި އިންޓަރވިއުއެއްވެސް ދައުރުކުރަމުން އެބަދެއެވެ. އެހެންކަމުން ބައެއް ދިވެހި ސިޔާސީ އިސްވެރިންނަށް ރައީސް އަދި އެމަނިކުފާނުގެ ވާހަކަފުޅު ބަލައިނުގަނެވުނު ނަމަވެސް ދުނިޔެއިން އެމަނިކުފާނުގެ ވާހަކަތައް ބަލައިގަނެފައިވާކަން ފެނިގެންދެއެވެ. މިވަގުތު އިސްރާއީލާއި ދެކޮޅަށް އުފުލަމުންދާ އަޑުތަކުގެ ތެރެއިން އެންމެ ގަދަ އެއް އަޑަކީ ރައީސް މުއިއްޒު އިއްވައިދެއްވި ދިވެހިންގެ އަޑެވެ.
އެމަނިކުފާނު އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރި ވެރިންގެ މަސައްކަތްތަކުގެ ކާމިޔާބުކަން މިނާ ނަމަ، އދގެ އާންމު މަޖިލީހަށް ނައުމަށް ނިންމައިގެން ހުރި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެތަނަށް ހާޒިރުވާން މަޖުބޫރުވެ، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލި ފަރާތްތަކާއި އިސްރާއީލާއި ދެކޮޅަށް ފާޅުކުރި ޝުއޫރުތަކަށް ރައްދު ދީފައިވުން މިސާލެއްގެ ގޮތުގައި ނެގިދާނެއެވެ. ނެތަންޔާހޫވަނީ އޭނާ އެ ބައްދަލުވުމަށް އައުމަށް ނިންމީ އެ މަޖިލީހުގައި ދެކުނު ވާހަކަތަކާއި ގުޅިގެންކަން ތަގުރީރުގައި ހާމަކޮށްފައެވެ. އެހެންކަމުން ރައީސްވެސް ހިމެނޭހެން އިހުލާސްތެރި ވެރިންތަކެއް ކުރެއްވި އިހުތިޖާޖުގެ ބުރަދަނެއް ހުރިކަން ކަށަވަރެވެ. ފަަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ރައީސްގެ އަތުގައި ހިއްޕަވައިގެން ގެންދެވި ގޮތުންވެސް އެމަނިކުފާނުާއިމެދު ފަހުރުވެރިކަމެއް ގެންގުޅުއްވާކަން ފެނިގެންދެއެވެ.

ދިވެހިންގެ ތެރެއިން މި ވާހަކަތައް ބަލައިނުގަނެވުނީ އިނގިލި ބިންދާ ގުނާލެވޭހާ މަދުބަޔަކަށެވެ. އެހެންނަމަވެސް ސޯޝަލްމީޑިއާއަށް ބަލާލުމުންވެސް އެމަނިކުފާނު އިހުލާސްތެރިކަމާއިއެކު ހާމަކަންބޮޑު ގޮތެއްގައި ފާޅުކުރެއްވި ޝުއޫރުތަކަށް ދިވެހިންގެ ތަރުހީބާއި ގަދަރުވެސް ލިބިވަޑައިގެންފައިވާކަން ފެނިގެންދެއެވެ. ވަކި ފަރާތަކަށް ޖެހުމެއް ނެތި ދިވެހިންގެ ހިދުމަތުގައި އަބަދުވެސް ދެމި ތިއްބަވާ ބައެއް ފަރާތްތަކުންވަނީ މި ދަތުރަކީ މުނާސަބު އެހާމެ ކާމިޔާބު ދަތުރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ރައީސްއަށް މަރުހަބާ ވިދާޅުވި ފަރާތްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަދި އެ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމް ހިމެނެއެވެ. ގާސިމް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ ރައީސް ކުރެއްވި މަސައްކަތްތަކާއިމެދު ފަހުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ރައީސް ދެއްކެވީ ހަމައެކަނި ފަލަސްތީނާއި އިސްރާއީލުގެ ވާހަކައެއް ނޫނެވެ. މި ބައްދަލުވުމުގައި ރައީސުލްމުހޫރިއްޔާވަނީ މީގެ ކުރިން ދިވެހިންނާއިމެދު ބައެއް ފަރާތްތަކުން ދައްކަމުންދާ އައިސްފައިވާ ވާހަކަތަކަށްވެސް ނިމުމެއް ގެނެސްފައެވެ. މީގެ ކުރިން ދިވެހިރާއްޖެއަކީ އެހީތެރިކަމަށް ބޭނުން ޖެހިފައި އަރައިނުގަނެވިފައި އޮތް ކުޑަ ގައުމެއްގެ ގޮތުގައި ސިފަވެފައިވާއިރު، ނާށިގަނޑެއް ހިފައިގެން ގޮސް ތިބި ބައެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި ރައީސްވަނީ ދިވެހިރާއްޖެއިން ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެއްހަމަކުރުމަށްޓަކައި މިސްރާބު ޖަހާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިކަމުގައި ބޮޑެތި ގައުމުތަކުން އެހީތެރިކަން ލިބުމުގެ އުންމީދުކުރައްވާކަމަށް ވިދާޅުވުމުގެ ބަދަލުގައި އެމަނިކުފާނުވަނީ އެހީތެރިކަން ދޭންޖެހޭނެކަަމަށް ސާފުކޮށް ސަބަބާއިއެކު ބަޔާންކުރައްވާފައެވެ.

އެގޮތުން ރާއްޖެއަކީ ކާރބަން ފުޓްޕްރިންޓު ކުޑަ ގައުމަކަށްވާއިރު ސިނާއީ ގައުމުތަކުން ކުރާ މަސައްކަތްތަކާއިއެކު ގޯސްވެގެންދާ މޫސުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް އިންތިހާއަށް ކުރާކަމަށްވުމުން އެ ދަތިތައް ހައްލުކުރުމުގައި އެ ގައުމުތަކުން ޒިންމާ ނަގަންޖެހޭނެކަމަށް ހިއްސާކުރައްވާފައިވެއެވެ. އެމަނިކުފާނުވަނީ ބޮޑެތި ގައުމުތަކުން ކްލައިމެޓް ފައިނޭންސް ހަމަޖައްސައިދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ 100 ބިލިއަން ޑޮލަރު ދެގުނައަށް އިތުރުކުރުމަށާއި މާލީ އެހީތެރިކަން ހޯދުމުގައި ކަނޑައަޅާފައިވާ ދަތި އުނދަގޫ އުސޫލުތައް ނައްތާލައި ޝަރުތުތައް އުވާލައި އެންމެ ބޭނުން ޖެހޭ ގައުމަކަށް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ރައީސް ގޮވާލެއްވިއެވެ.
ހަމައެފަދައިން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު އެއް ސަރަހައްދުކަމަށްވެސް އެމަނިިކުފާނު ވަނީ މި ދަތުރުގެ ތެރެއިން ޕްރިސްޓަންގައި ވާހަކަދައްކަވަމުން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ މުހިންމު ކަނޑު ދަތުރުފަތުރުގެ މަގުތަކުގެ ތެރެއިން ބައެއް މަގުތައް އޮންނަނީ ދިވެހިރާއްޖެއާއި ވަރަށް ގާތުގައިކަމަށެވެ. އެހެންކަމުން މި ސަރަހައްދުގައި ނުފޫޒު ބޭނުންވާ ކޮންމެ ބަޔަކުވެސް ދިވެހިރާއްޖެއަށް ޝައުގުވެރިކަން ގެންގުޅޭނެކަމަށެވެ. ބިކަވެފައިވާ ކުޑަ ގައުމެއްގެ ބަދަލުގައި ރައީސް ދިވެހިން ސިފަކުރެއްވީ އަމިއްލަވަންތަކަމާއި ބާރުވެރިކަމެއް ލިބިފައިވާ މުހިންމު ގައުމެއްގެ ގޮތުގައެވެ.
ރައީސް ކުރެއްވި މަސައްކަތްތަކުން ނަތީޖާއެއް ނުނުކުންނަ ކަމަށް ދެކުމަކީ ކުށްހީއެކެވެ. ދިވެހިންނަކީ ބަސް ބުނާނެ ސާބިތު ގައުމެއްކަން މިއަދު ދުނިޔެއަށްވެސް އެނގޭނެއެވެ. ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކާއި ކޮނޑާ ކޮނޑު ވިއްދައި އެއް ސަފެއްގައި ހިމެނުމަށް ދިވެހިން ފަސް ނުޖެހޭނެކަންވެސް ސާފެވެ. ދިވެހިން ތިބީ އިސްލާމީ އަގީދާގެ ސާބިތުކަންމަތީ ދީނާއި ބައިވެރިންގެ ހައްގުގައި ތެދުވެކަން ފެނިގެންދެއެވެ. ދިވެހިންނަކީވެސް ޒަމާނާއި ހާލަތަށް ހޭލުންތެރި އަންނަމުންދާ ބަދަލުތަކާއިއެކު ކުރިއަރައިގެންދާން ތައްޔާރު ގައުމެއްކަންވެސް ސާފުވެއެވެ. ދިވެހިންނަކީވެސް ދުނިޔޭގެ އިގްތިސާދުގައި ފިޔަޖެހުމަށް ފެންބޮވައިގަނެފައިވާ ބައެއްކަން އަދި އެ ގާބިލުކަންވެސް ހުރިކަމުގެ އަޑު މުޅި ދުނިޔެއަށްވެސް އިއްވައިފިއެވެ. ލައްކަ ވެރިން އދގައި ތަގުރީރު ކުރެއްވާފައިވިޔަސް އަލްޖަޒީރާއަށްވެސް ކަމުދިޔައީ ރައީސް މުއިއްޒު!

