ރައްޔިތުންގެ ސިއްހީ ކަންކަމާ ގުޅޭ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ފެންނާނެ ނިޒާމެއް ގާއިމުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ވަޒީރު ހަލީލު ވިދާޅުވީ ރާއްޖޭގައި އެއް ތަނަކުން ރައްޔިތުންގެ ސިއްހީ ކަންކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފެންނާނެ ނިޒާމެއް ނެތް ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އާންމު ސިއްހަތުގެ މައުލޫމާތުތައް ދެނެގަތުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވާ ކަމަށެވެ.
އެގޮތުން އެއް ހޮސްޕިޓަލުން ޓެސްޓެއް ހެދުމަށްފަހު އަނެއް ހޮސްޕިޓަލަށް ދާއިރު އޭގެ ރެކޯޑު ނެތުމުގެ ސަބަބުން އަނެއްކާ އެ ޓެސްޓު އަލުން ތަކުރާރުކުރަންޖެހޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއީ ޚިދުމަތް ލިބުމުގައި ބަލިމީހާއަށް އެތައް ވަގުތެއް ގެއްލި ދައުލަތަށް ވެސް އެކަމުގެ ބުރަ ބޮޑުވާ ކަމެއް ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް ޑިޖިޓަލް ހެލްތު ނިޒާމެއް ގާއިމުކުރުމުން އެފަދަ ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިފައެވެ. މި ނިޒާމު ގާއިމުކުރަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެންނެވެ.
މީގެ އިތުރުން، ޓެލެމެޑިސިންގެ ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދުމަތް އަލުން ފެށުމަށް ދިރާސާތަކެއް ކުރައްވަމުންދާ ކަމަށާއި އެ ޙިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެއް ކަމަަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ދަޢުލަތަށް ލިބޭ އާންމްދަނީން ސިއްޙީ ދާއިރާއަށް ރައީސް ހާއްސަ އިސްކަމެއް ދެއްވައި ކަމަަށެވެ. ސަބަބަކީ ސިއްޙީ ދާއިރާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ ކަމަކަށް ވަތީ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ޑޮކްޓަރެއް ނެތް ހާލަތްތަކުގައި ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ މުހިއްމުކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މީގެ ކުރީ އަހަރުތަކަށް ބަލާއިރު ޓެލެމެޑިސިންގެ ނިޒާމް ތަޢާރާފްކޮށްފައި އޮތްނަމަވެސް އެކަންކަން ކާމިޔާބު ވެފައި ނެތުމުގެ ސަބަބަކީ އެކަށީގެންވާ ތަމްރީނުތައް ދެވިފައި ނުވުން ކަމަށެވެ. އަދި އޭރު ރާއްޖޭގެ ރައްތަކުގައި ރަނގަޅު އިންޓަނެޓް ލިބުމުގައި ދަތި ތަކެއް ހުރުމުގެ ސަބަބުން އެ ވަސީލަތް އެކަށީގެންވާ ގޮތަށް ޤާއިމް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓެލެމެޑިސިންގެ ޚިދްމަތް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭއިން ނުވަތަ ރާއްޖޭގެ އެއް ސަރަހައްދަކުން ލިބެން ނެތް ސިއްޙީ ޚިދުމަތެއް އެ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ނުގޮސް ހޯދުމެވެ. ޓެލެމެޑިސިންގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ކުޑައަގެއްގައި ދެއްކޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.

