ސަރުކާރު ބަދަލުވެ، އައު މެނޭޖްމަންޓުން ކުންފުންޏާއި ހަވާލުވުމަށް ފަހު ކުރިން އަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓު އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާކޮށްފައިވާނެކަމަށް ފެނެކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައަށް ފޭކް ސްލިޕްތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ހަބަރު ދޮގުކޮށް އެ ކުންފުނިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ލިޔުންތަކުން ފެންނަ މުދަލަކީ އެ ކުންފުންޏަށް ގެނަފައިވާ މުދާ ނޫންކަމަށެވެ. އަދި ފެނަކައަށް ބޭނުންވާ ސްޕެއާރ ހޯދުމުގެ މަސައްކަތް އޮތީ، ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީގައިވާގޮތުގެ މަތީން ޓެންޑަރ ކޮމިޓީގެ މަރުހަލާގައިކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް މުދާތައް ކުންފުންޏަށް ގަނެފައިނުވާކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ވެސް ދައްކާފައި ނުވާނެކަމަށެވެ.
ފެނަކައިން ބުނެފައި ވަނީ އެ ކުންފުންޏަށް މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބިދޭ ގޮތަށް، އެކުލަވާލެފައިވާ އިޖުރާއަތްތަކުގައި ހިމެނޭ މަރުހަލާތައް ފުރިހަމަވެގެން ކަމަށެވެ. މި ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަވެގެން އަންނައިރު ކުންފުންޏަށް ގެނެވޭ މުދަލުގައި ކޮލިޓީއާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތަށް ރިއާޔަތް ކުރާކަމަށް ވަނީ ބުނެފަ އެވެ.
ބަޔާނުގައިވާ ގޮތުން އައު މެނޭޖްމަންޓުން ކުންފުންޏާއި ހަވާލުވުމަށް ފަހު އެ ކުންފުނިން ކުރިން އަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓު އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާ ކުރެވުނެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުން ދިޔަ އަސްލެއް ނެތް ކުންފުނިތައް ބެލެކް ލިސްޓު ކުރިކަމަށް ވަނީ ބުނެފަ އެވެ.
އެ ނިންމުން ނިންމާފައި ވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކުންފުނީގެ ފަންނީ މުވައްޒަފުންގެ ލަފާ ހިމަނައިގެންކަމަށް ބަޔާނުގައިވެއެވެ. އެކަމެއްގެ ސަބަބުން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވި ނަމަވެސް ފެންވަރު ދަށް މުދަލާއި ހިދުމަތްދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާނީ ކުންފުންޏާއި ކުންފުނިން ހިދުމަތް ހޯދާ ރައްޔިތުންގެ ހައްގުގައިކަމަށް ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނެފައި ވަނީ ކުންފުންޏަށް ހިދުމަތް ދޭ ފަރާތްތަކަކީ ހަރުދަނާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރެޖިސްޓްރީ ކުރެވި އެއްބަސްވުމެއް ގާއުމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓު ކުރި ފަރާތްތަކަށް ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ކުންފުނީގެ މެނޭޖްމަންޓުން އަޅަމުންދާ ފިޔަވަޅުތަކުންނާއި، ކުރިން ކުންފުންޏަށްވެފައިވާ އިހުމާލުތަކުގެ ވާހަކަ ގެނެސްފައި ވަނީ ޒާތީ ގޮތުންކަމަށް ގަބޫލު ކުރެވޭކަމަށެވެ.

