ރާއްޖެއާއި ޗައިނާގެ ދެމެދު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ފޮނި މީރު ނަތީޖާތަކެއް ނެރެވިފައިވާކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވޭންގް ލީޒިން ވިދާޅުވެއްޖެއެވެ.
ޗައިނާގެ އެމްބަސީއިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އެ ގައުމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބެސިޑަރު ވޭންގް ލީޒިން ވިދާޅުވީ، ރާއްޖެއަކީ އެ ގައުމާއި ދެމެދު ތާރީހީ ގުޅުމެއް އޮންނަ އެކުވެރިއެއްކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި މުހިންމު ބައިވެރިއެއްކަމަށެވެ.
ސަފީރު ވިދާޅުވީ، 52 އަހަރުަ ކުރިން ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީއްސުރެ ބައިނަލްއަގުވާމީ މައިދާނަށް ބަދަލުތަކެއް އައި ނަމަވެސް ރާއްޖެއާއި ޗައިނާއިންވަނީ ދެ ގައުމުގެ ދެމެދު އިހްތިރާމް ދަމަހައްޓަކައި އެއްބާރުލުން ދެމުން އައިސްފައިވަކަމަށެވެ.
އޭނާ ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ދެމެދު ހަމަހަމަ ގުޅުމެއް ގާއިމުވެފައި އޮތުމުގެ މިސާލެއްކަމަށެވެ. ވޭންގް ލީޒިން ވިދާޅުވީ، މިއީ އެ ގައުމުގެ ރައީސް ޝީ ޖިންގް ޕިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ރަސްމީ ދަތުރުފުޅަށް ދިހަ އަހަރު ފުރޭ އަހަރު ކަމަށާއި ދެގައުމުގެ އިސްވެރިންގެ ވިސްނުންތެރި ނިންމުމުގެ މަތިން ރާއްޖެއިން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ބައިވެރިވިތާވެސް ދިހަ އަހަރު ވެފައިވާކަމަށެވެ.
ސަފީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދު ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ފޮނިމީރުކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބިރުޖުގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ބޮޑުކުރުމުގެ މަސައްކަތްތަކާއި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ސޯޝަލް ހައުސިންގް މަޝްރޫޢުތަކުން ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މި އަހަރުގެ ތެރޭޭގައި ރަސްމީ ދަތުރުފުޅެއް ކުރައްވާފައިކަމަށެވެ. އަދީ އެއީ ކާމިޔާބު ދަތުރެއްކަމަށާއި ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އިސްވެރިންވަނީ އެއްބަސްވެފައިކަމަށެވެ. އޭނާ ވިދާޅުވީ، ދެ ގައުމުގެ އިސްވެރިން ނިންމާފައިވާ ގޮތުގެމަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި ޗައިނާއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްތަކާއި ހިސާބަށް ވާސިލުވެވިފައިވާކަމަށެވެ.
އޭނާ ވިދާލުވީ، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވާކަމަށާއި ދެ ގައުމުންވެސް މަސައްކަތްކުރަމުންދަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމާއި ވިޔަފާރި އަދި އިންވެސްޓުމެންޓު ދާއިރާއިންވެސް ގުޅުން އިތުރަށް ބަދަހިކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުކަމަށާއި މި އަހަރުގެ މިހާތަނަށް ދެލައްކަ ދިހަ ހާހަށްވުރެ ފަތުރުވެރިން އަދަދުތައް އިތުރުކަމަށެވެ.
ވޭންގް ލީޒިން ވިދާޅުވީ، ސަގާފަތާއި ކުޅިވަރު އަދި އަންހެނުންނާއި ޒުވާނުން ކުރިއެރުވުނުގެ ދާއިރާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިންވެސް ދެ ގައުމުގެ ރައްޔިތުންގެ ދެމެދު ކުރެވެމުންދާ މުއާމަލާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޗައިނާގެ ސިޓީތަކާއި ރާއްޖޭގެ ސިޓީތަކާއި ދެމެދުވެސް ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެކަމުގެ މަގުސަދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިތުރު މަންފާތަކެއް ހޯދައިދިނުންކަމަށެވެ.

