ރާއްޖޭގެ އިޤްތިސާދީ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާއަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން އެމްއެމްއޭ ވަނީ މިހާރު ވަނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ލާޒިމްކޮށްފައެވެ. މި ގަވާއިދަކީ ފޮރިން އެކްސްޗޭންޖް ރޭޓުގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖާ ގުޅޭ އެހެންވެސް ސިޔާސަތިތައް ކަނޑައަޅާ ގަވާއިދެކެވެ.
މި ބަދަލާއި ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ރަނގަޅު ހަރުދަނާ ނިންމުންތައް ނިންމަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އެމްއެމްއޭ އިން ގެނައި ބަދަލާއެކު ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްއޭއިން ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތަކުން މި ގަވާއިދާ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރީކުރުމަށްފަހު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ގޮތަށް ފައިސާ ޖަމާކުރަން ޖެހޭނީ ޑޮލަރުން ނުވަތަ އެމްއެެމްއޭއިން ހުއްދަކުރާ އެހެން ބޭރު ފައިސާއަކުންނެވެ. އޭގެ އިތުރުން ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި ދުވަހެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

