ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ނަތިއްޖާ ރަނގަޅުކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ އޯގަސްޓް މަހާއި އަދި ނިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކުށްތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުންނެވެ. ޝިފާން ވިދާޅުވީ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ވައްކަމާއި ފޭރުމާއި ޖުމްލަ ކުށްމަދުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް އަންނަނީ ފެންނަމުން ކަމަށް ވިދާޅުވިއެވެ.
ފުލުހުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައްކަމުގެ 327 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކޮށްފަވާއިރު މިދިޔަ މަހު އެ އަދަދު ހުރީ 230ގައެވެ. އަދި ފޭރުނު ކަމުގެ 46 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކޮށްފަވާއިރު މިދިޔަ މަހު އެ އަދަދު ހުރީ 32 ގައެވެ. އޮގަސްޓު މަހު 204 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓްކޮށްފަވާއިރު މިދިޔަ މަހު ފުލުހަށް ހުށަހަޅާފައިވަނީ 143 އެކްސިޑެންޓުގެ މައްސަލައެކެވެ.
މީގެ އިތުރުން މަސްތުވާތަކެތި 134 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓުކޮށްފަވާއިރު މިދިޔަ މަހު އެ އަދަދު ހުރީ 111ގައެވެ.
އަލަށް ޤާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައީ ޖުލައި މަހު އެވެ. އެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ފުލުހުންގެ ގަވަރނަންސް ނިޒާމު ޒަމާނާއެއްގޮތަށް ބައްޓަންކުރެވިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ދެކެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮތް ގޭންގު ކުށްތަކުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ޚާއްސަ ޑިޕާޓްމަންޓަކާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ ފުލުހުންގެ ޚިދުމަތުގައި ފުޅާކުރުމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމުކުރުމަށް ހަމަޖެހިފަވާއިރު ހުޅުމާލޭގައި ދެވޭ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަނާއި އެކަށީގެންވާ ޚިދުމަތެއް ދިނުމަށްޓަކައި، ހުޅުމާލޭ ޕޮލިސްގެ ނަމުގައި އިދާރާއެއް ވެސް ވަނީ ގާއިމް ކޮށްފައެވެ.
ހަމައެއާއެކު މީގެކުރިން 12 ކޮމާންޑުގެ މައްޗަށް އޮތް ފުލުހުންގެ ސްޓްރަކްޗަރއަށް ބަދަލުގެނެސް އަތޮޅުތެރޭގެ ފުލުހުންގެ ޚިދުމަތުގެ ކޮމާންޑްތައް ހިމެނޭހެން 17 ކޮމަންޑް/ ޑައިރެކްޓްރޭޓް ލެވަލްއަށް ބަދަލުކުރުން ހިމެނެއެވެ. މި ކޮމާންޑްތަކުގެ ވެރިން ޢައްޔަންކޮށްފައިވަނީ ޢިލްމާއި ތަމްރީންނަށް ބެލުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއެކްޝަން ޕްލޭންގެ މަޤްސަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ އަވަސް ޚިދުމަތެއް ފޯރުކޮށްދޭ މުވައްސަސާއަކަށް ހެދުމެވެ.

