ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް ދޫކުރާއިރު، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހެނީ ދިވެހިންނަށްކަމަށް ހިމަނައިފީތައް ބޮޑުކޮށް، މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދެއް މޯލްޑިވްސް މަނިތަރީ އޮތޯރިޓީއިން ގެޒެޓުކޮށްފި އެވެ.
މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވައިދު ގެޒެޓުކޮށް، އެއަށް އަމަލު ކުރަން ފެށިއިރު އެމްއެމްއޭ ބުނެފައިވާ ގޮތުން އުސޫލެއް އެކުލަވާލުމުގެ މަގްސަދަކީ މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމާއި އެ ވިޔަފާރިއާއިގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުމެވެ. މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ.
އެއީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސެވެ.
މި ގަވާއިދުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ހިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލައި ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ހުއްދަކުރެއެވެ.
އެމްއެމްއޭގެ ގަވައިދު ބުނާ ގޮތުގައި، ޓިއަރ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރެވެ. އަދި މި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހޭނީ ދިވެހިންނަށެވެ. މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.
ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުޢާމަލާތްތަކެއް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންވާނެއެވެ. ޓިއަރ 2 ލައިސަންސް ލިބޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ. މި ލައިސެންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.
ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު ކާކުކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓް ނަންބަރު، ގާނޫނީ ޝަޙްޞެއް ނަމަ ރަޖިސްޓްރޭޝަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމަނައި ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ނުވަތަ ގަތް ރޭޓް ހިމަނަންވާނެއެވެ.
މީގެއިތުރުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ވާނެއެވެ. ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައި އެއާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމައި އަންގަންދެން ކުރީގެ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެއެވެ.
ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރަންވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސެންސް އޮވެގެން ކަމަށެވެ.

