ޓުއަރިސްޓު ފެސިލިޓީތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބަލައިގެން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުވުމުގެ ސަބަބުން ގެސްޓްހައުސްތަކާއި ދަށް ފަންތީގެ ރެސޯޓުތައް ހުއްޓުމަކަށް އަންނާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަލަށް ގެނައި އިސްލާހުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭނީ ފަތުރުވެރިން އެ ފެސިލިޓއަކަށް އަންނަ މިންވަރަށެވެ. އަދި ރިސޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަން ޖެހޭނެކަމަށް ވަނީ ބުނެފަ އެވެ. ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ޖެހެ އެވެ.
މި ބަދަލުތަކާއި ގުޅޭގޮތުން ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީއިން ވަކި އިންސައްތައެއް ނެގުން ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ގެސްޓްހައުސްތަކަށް އޭގެ ނުރަނގަޅު އަސަރުކޮށް ދަށް ފަންތީގެ ރެސޯޓުތަކަށް ވެސް ދަތިތައް ދިމާވާނެކަމަށް ވިދާޅުވި އެވެ.
ނިންމުމުގެ ބައެއް ބައިތައް މުރާޖައާ ކުރުމަށް ގޮވާލައި ފައްޔާޒް ވިދަޅުވީ، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި އާމްދަނީގެ ނިސްބަތުން ނަގާ ގޮތަށް ބަދަލު ގެނެވިދާނެކަމަށެވެ.
ފައްޔާޒް ވިދާޅުވީ އައު ގަވައިދުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އަސަރު ކުރާނެކަމަށާއި، ބައެއް ވިޔަފާރިތަކުން މިހާރުވެސް ދަނީ ފަތުރުވެރިންނާއި ދިވެހި ރުފިޔާއިން މުއާމަލާތްތައް ހިންގަމުން ކަމަށެވެ.
2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭރު ފައިސާ ރާއްޖޭގައު ބެހެއްޓޭނެ ގޮތް ފާސްކުރިކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެމްއެމްއޭއިން އެކަން އޭރު ތަންފީޒުކޮށްފައި ނުވަނީ ޓީޖީއެސްޓީ ބޮޑު ކުރުމާއި ކޮވިޑު-19 ގެ ސަބަބުން އައި ހީނަރުކަމާއި އެކު ވިޔަފާރިތަކަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށެވެ

