މިހާރު އޮތް ކުންފުނިތަކުގެ ގާނޫނުން ޕާޓީތަކަށް ވިޔަފާރި ކުރުމަށް ޖާގަ ލިބިގެންދާކަމަށް ގަބޫލުކުރައްވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގައުމީ މަޖިލީހަށް ގަރާރެއް ހުށައަޅާފައިވަނީ ޕާޓީގެ ނަމުގައި އެކެޑެމީއެއް އުފެއްދުމަށް ޖާގަ ނުދީފި ހާލަތެއްގައި ލީޑަރޝިޕަށް ޕްރޮކްސީއެއް ކަނޑައަޅައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށްކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އަދުގެ ސަރުކާރުން ގާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށްގެން އެކަން ކުރުމަށް ޖާގަ ނުދީފި ނަމަ މަސައްކަތްތައް ކުރިއަށް ގެންދިއުން ދަތިވެގެންދާނެކަމަށާއި އެހެން ވެއްޖެ ހާލަތެއްގައި ގައުމީ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބޭފުޅެއްގެ ނަންމަތީގައިވެސް އެކަޑަމީ ރެޖިސްޓްރީ ކުރަން ޖެހިދާނެކަމަށެވެ.
އޭނާ ވިދާޅުވީ، ހުށައަޅާފައިވާ ގަރާރު ފާސްކުރުމަށް އެދިފައިވަނީ އެ ހުރިހާ ކަމަކަށް ވިސްނުމަށްފަހުކަމަށާއި އުފެއްދުމަށް ކަނޑައެޅިފައިވާ ތިންކް ޓޭންކުގެ މަސައްކަތްތަކުގައިވެސް ކުރިމަތިވެގެންދާ ގޮންޖެހުމަކީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވުންކަމަށެވެ.
ފައްޔާޒް ވިދާޅުވީ، މިކަމުގައި ކުރިއަށް ދެވޭނެ މަގެއް ދެއްކެވުމަށް ކަމާއި ބެހޭ މިނިސްޓަަރުގެ ކިބައިން އެދިވަޑައިގެންފައިވާނެކަމަށާއި އެޓާރނީ ޖެނެރަލްއަށް އެކަން ހުށައަޅާފައިވާކަމަށް މައުލޫމާތު ދެއްވިކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެޓާރނީ ޖެނެރަލްގެ ފަރާތުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަވާބެއް ލިބިގެންދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
އެހެންކަމުން މަސައްކަތްތައް އެހެން ގޮތެއްގެ މަތިން ނަމަވެސް ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި މިކަމުގައި ކުރިއެރުމެއް ނުލިބިއްޖެ ހާލަތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގައުމީ މަޖިލީހުގެ މެމްބަރުގެ އިޒްނަ ބޭނުންވެވަޑައިގަންނަވާކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ޕާޓީގެ ނަމުގައި ވިޔަފާރިކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހުއްދަ ދޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ވިޔަފާރިކުރުމުގެ ގާނޫނުގައި ޕާޓީއަކަށް ވިޔަފާރި ކުރެވޭނީ ކޮން ގޮތަކަށް ކަން ސާފު ނުވާކަމަށާއި އެފަދަ ކަމެއް ކުރަންޏާ ކޮންމެވެސް ކަހަލަ ހުއްދަތަކެއް ނަގަންޖެހޭނެކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އަމަލުކުރަމުންދަނީ އެމްޑީޕީއިން ފަރުމާކޮށްފައިވާ ކުންފުނިތަކުގެ ގާނޫނެއްކަމަށެވެ. އެހެންކަމުން އެ ގާނޫނުން މި މަސައްކަތްތަކަށް ޖާގަ ލިބިގެންވާކަމަށް ދެކިވަޑައިގަންނަވާކަމަށާއި މިހާރު އޮންނަ ގޮތުން އެންމެ ފަރުދަކަށްވެސް ކުންފުންޏެއް އުފެއްދޭކަމަށްވުމުން ސިޔާސީ ޕާޓީއަކަށް ހުރަހެއް ނެތްކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގައި ތިބި އެކަމާއި ބެހޭ ފަރާތްތަކުން މަސައްްކަތްތަކަށް ހުރަސް އަޅައިފި ހާލަތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ނެތްކަމަށާއި މިކަންބޮޑުވުންތައް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުއާއި ހިއްސާކުރައްވާފައިވާނެކަމަށެވެ. ފައްޔާޒް ވިދާޅުވީ، ކުންފުނިތަކާއި ބެހޭ ރެޖިސްޓްރާއާއިވެސް ވާހަކަދެއްކެވިކަމަށާއި ޕާޓީގެ ފަރާތުން މިކަމުގައި ގޮތެއް ހޯދައިދިނުމަށް އެދި ސިޓީއެއްވެސް ފޮނުވާފައިވާނެކަމަށެވެ.

