ރާއްޖެއިން އަމަލުކުރަމުންދާނީ ގައުމު އިސްކުރުމުގެ ސިޔާސަތައްކަމަށާއި އެހެންނަމަވެސް އިންޑިއާގެ ދެމެދުގެ ގުޅުމަށް އަަހައްމިއްޔަތުކަން ދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ހުންނަވައިގެން އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން އެކި ގައުމުތަކާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާއިރު އެ މަސައްކަތްތަކުގެ ސަބަބުން ސަރަހައްދީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކަށް އަސަރު ނުފޯރާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް އަހައްމިއްޔަތު ދޭކަމަށެވެ.
ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި މުހިންމު ބައިވެރިއެއްކަމަށާއި އެކުވެރިއެއްކަމަށެވެ. ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި ދެފަރާތުގެވެސް މަސްލަހަތު ހިމެނޭ މަސައްކަތްތަކުގެ މައްޗަށްކަމަށާއި ރާއްޖެއިން އިންޑިއާ ދެމެދުގެ ގުޅުން މިހާރަށްވުރެވެސް ވަރުގަދަ ކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ސަރަހައްދީ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން އަމަލުކުރަމުންދާނީ މޯލްޑިވްސް ފަސްޓް ސިޔާސަތުގެ ދަށުންކަމަށެވެ. އެހެންނަމަވެސް އިތުބާރުގެ މައްޗަށް ބިނާވެ އެތައް ޒަމާނެއްގެ މަތިން ދެމި އޮވެފައިވާ އިންޑިއާ ދެމެދުގެ ގުޅުމަށް އަހައްމިއްޔަތު ދެއްވާނެކަމަށާއި ރާއްޖެއިން އެހެން ގައުމުތަކާއިއެކު ކުރާ މަސައްކަތްތަކުގެ ސަބަބުން ސަލާމަތީ މަަސައްކަތްތަކަށް އަސަރު ނުކުރާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރިއަށް ވުރެ ރަނގަޅަށް ދެ ގައުމަށްވެސް އަނެއް ގައުމުގެ ކަންބޮޑުވުންތައް އެނގޭނެކަމަށާއި ދެ ގައުމުގެ ދެމެދު ކުރެވޭ ދިފާއީ މަސައްކަތްތަކަށް އަބަދުވެސް މުހިންމުވާނެކަމަށެވެ. އަދި އެމަނިކުފާނުވަނީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ އެދުމުގެ މަތިން އެޅުއްވި ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މިފަހުން ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގެ ގުޅުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފެނިގެންދާކަމަށެވެ. އަދި ދަތުރުފުޅު ނިމޭއިރު ދެ ފަރާތަށްވެސް މަންފާތައް ލިބިގެންދާ ގޮތަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އަހައްމިއްޔަތު ދޭކަން ފެނިގެންދާކަމަށެވެ.

