ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އާރޯކުރެވެމުންދާތީ އުފާވެވަޑައިގަންނަވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ.
ޝާހިދު ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުރި ކަމަށްޓަކައި އިންޑިޔާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެއިތުރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެށި މަޝްރޫޢުތަކާއި އިސްނެގުންތައް މިހާރު ނަތީޖާ ފެންނަމުންދާކަމީ ހިތްވަރު ލިބިދޭ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި:
– ރުޕޭ ކާޑު ތަޢާރަފުކުރުން
– ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ އިފްތިތާޙުކުރުން
– އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ކުޅިވަރާއި ޒުވާނުންގެ ދާއިރާގައި އެއްބާރުލުން ދިނުމުގެ އެމް.އޯ.ޔޫތައް ވުޖޫދަށް ގެނައުން ޝާހިދު ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ސަރުކާރުން، އިދިކޮޅުގައި ތިބިއިރު ދެކޮޅުހެދި ނަމަވެސް، އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް އެއްބަސްވެފައިވާކަމީ ހިތްހަމަޖެހޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ހަމައެހެންމެ، ޔޫ.ޓީ.އެފް މަޝްރޫޢުއާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މިހާރު ދައްކަވާ ވާހަކަތަކަކީވެސް އެމް.އެން.ޑީ.އެފްގެ ޤާބިލުކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ޤަބޫލުކުރައްވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކުން ދޭހަވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި މަކަރުވެރިކަމުގެ މައްޗަށް ބިނާކޮށްގެން ކުރިއަށް ނުގެންދެވޭނެކަން މިހާރުގެ ސަރުކާރަށް ވިސްނިފައިވާކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޑިޕްލޮމަސީގެ ދާއިރާގައި ސަރުކާރުގެ ތަޖުރިބާ މަދުކަމާއި ހަރުދަނާކަން ކުޑަކަންވެސް މީގެން ހާމަވެގެންދާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މި ހުރިހާ ކަމަކީވެސް ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ މަޞްލަޙަތަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ދިއުމަކީ އެމަނިކުފާނުގެ އުންމީދު ކަމުގައި ވެސް ވިދާޅުވިއެވެ.
ހަމައެހެންމެ ޚާރިޖީ ސިޔާސަތުގެ ދާއިރާގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއާއި އިންޑިޔާ އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އޝާހިދު ފާހަގަކުރެއްވިއެވެ.
ނިންމާލަމުން، ޝާހިދު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ދިއުމަކީ އެމަނިކުފާނުގެ އިޚްލާޞްތެރި ދުޢާ ކަމުގައެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެމްޑީޕީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އަރުވާފައިވެއެވެ.

