ދިވެހިރާއްޖޭގެ ތާރީހާއި މައުލޫމާތު ޑިޖިޓަލް ނިޒާމަކުން ރައްކާކުރުމަށްޓަކައި ”ޑިޖިޓަލް ޕްރޮޒަވޭޝަން ޕްރޮޖެކްޓް“ ގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު އަދި ނެޝެނަލް އާކައިވްސް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އާމިރު އަހުމަދުއެވެ. ޒަމާނީ ޑިޖިޓަލް ނިޒާމަކުން ރާއްޖޭގެ ތާރީހާއި ރާއްޖެއާ ގުޅޭ މުހިންމު މައުލޫމާތު ރައްކާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ނެޝެނަލް އާކައިންސްއިން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ނެޝަނަލް އާކައިންސްއިން ވަނީ ޑިޖިޓަލް ޕްރިޒަވޭޝަން ކެޕޭސިޓީ ތަރައްގީ ކުރުމަށް އަމަލީ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ.
ޑީޕީޕީގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސާވޭގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ނިންމާލައިފައެވެ. އެ ސާވޭއިން އެނގުނު ގޮތުގައި ޑިޖިޓަލް އާކައިވް ހެދުމަށް ބަޖެޓާއި ވަސީލަތްތައް ބޭނުންވެއެވެ. ޑީޕީޕީގެ ދެވަނަ ފޮޔަވަހީގެ މަސައްކަތް ފަށާފައިވަނީ ޑިޖިޓަލް އާކައިވްއެއް ގާއިމު ކުރުމަށެވެ. އެގޮތުން ޕްރޮޓޮޓައިޕް ޓެސްޓް ކުރުން ހިމެނެއެވެ.
ޑީޕީޕީގެ ސަބަބުން ނެޝަނަލް އާކައިވްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނެ ގިނަ ފައިދާތަކެއް ވަނީ ފާހަގަކޮށްފައެވެ.
އޭގެތެރޭގައި:
- މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ލިބުން
- މުވައްޒަފުންގެ ބެސްޓް ޕްރެކްޓިސްތައް ދަސްކޮށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ތަމްރީނުކޮށް ގާބިލުކަން އިތުރުވުން
- ގާނޫނީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް އަމަލުކުރުން
- ސްޓްރެޖިކް ޑެވެލޮޕްމަންޓް
- ނެޓްވޯކިންއާއި ނޮލެޖް ޝެއާކުރުން
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މި ނިޒާމު ގާއިމުކުރަނީ ބްރެޒިލްގެ ކުންފުންޏަކާއި ޔޫކޭގެ ކަމާބެހޭ ތަޖުރިބާކާރުންތަކަކާ ގުޅިގެންނެވެ.

