ކޮވިޑުގެ ދުވަސްވަރަށްވުރެ މިހާރުގެ ހާލަތު ގޯސްކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއްވީއިރު ލިބުނު ފައިދާއެއް ނެތެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕިއިން ސިލްސިލާކޮށް ގެނެސްދޭ ހަވަރު ބެރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތްކަމުގެ ވާހަކައަކީ ހަމައެކަނި އެމްޑީޕީއިން ދައްކާ ވާހަކައެއް ނޫންކަމަށެވެ. މިކަން ބޭރުގެ ފަރާތްތަކުން ނެރޭ ރިޕޯޓުތަކުންނާއި، ތަފާސް ހިސާބުތަކުންވެސް ހާމަވަމުންދާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ކުރީގެ އަންދާޒާތަކާއި އަދި މިހާރުގެ އަންދާޒާތަކާއި ވަރަށް ބޮޑު ތަފާތެއް އެބަހުރިކަމަށް އަމީރު ވިދާޅުވިއެވެ.
2024 ވަނަ އަހަަރށް ބަޖެޓު އެކުލަވާލީއިރު، ރާއްޖޭގެ އުފެންދުންތެރިކަން 5.5 އިންސައްތަ އިތުރުވެގެންދާނެކަމަށް ލަފާ ކުރެވުނު ނަމަވެސް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާ ދާނީ 4.9 އިންސައްތައިގައިކަމަށް އަމީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި، އިމާރާތްކުރުމާއި، ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ ދާއިރާއަށް ބެލިކަމަށްވީ ނަމަވެސް، އުފެންދުންތެރިކަން ދަށްވަމުންދާ މަންޒަރު ފެންނަމުންދާކަމަށް އަމީރު ވިދާޅުވިއެވެ.
އޭގެ މާނައަކީ ގާތްގަނޑަކަށް 0.6 އިންސައްތައިގެ ދަށްވުމެއް އެބަ އާދެޔޭ ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުން. އަދި އޭގެ އިތުރުން އަޅުގަނޑުމެންނަށް މިފަހުން މޫޑީސްއާ އަދި ފިޗު މީ ދުނިޔޭގެ ރޭޓިން އޭޖެންސީތަކުގެ ތެރެއިން އެންމެ ފުންނާބު އުސް، ރޭޓިން އެޖެންސީތައް، މި ރޭޓިން އެޖެންސީތަކުން ނެރުނު ރިޕޯޓުތަކުން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ރާއްޖޭގެ އިގްތިސާދު މިދަނީ ރަނގަޅު މަގުން ނޫންކަން.
އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އެންމެ ފުންނާބު އުސް ރޭޓިން އެޖެންސީތަކުން ނެރޭ ރޭޓިންގސްތަކުން ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަން ހާމަވަމުންދާކަމަށެވެ. އެގޮތުން މޫޑީސް އަދި ފިޗު ފާހަގަކުރެއްވިއެވެ.
މިއީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކަން ވެގެންދާ ގޮތްކަމަށް ފާހަގަކޮށް އަމީރު ވިދާޅުވީ، ގިނަ ކަންކަން ސަރުކާރުން ކުރަމުންދަނީ ގޯހުން ގޯހަށްކަމަށެވެ. އޭގެ ތެރޭގައި، ސިއްރުވެރި ދައުލަތެއްގެ ގޮތުގައި ކަންކަން ކުރުން ހިމެނޭކަމަށާއި، 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ފިސިކަލް ސްޓެރެޖީއާއި އެއްގޮތަށް ގިނަ ކަންކަން ކުރަމުން ނުދާކަމަށް ވިދާޅުވިއެވެ. ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ގެންނަން ޖެހޭނެ ބަދަލުތައް ފާހަގަކޮށްފައިވާނެކަމަށާއި، ނަމަވެސް އެއާއި އެއްގޮތަށް އަމަލު ކުރަމުން ނުދާކަމަށް އޭނާގެ ވާހަކަގައި ވިދާޅުވިއެވެ.
ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަދަދާއި، އަދި ސިޔާސީ މުވައްޒަފުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް އަމީރު ވިދާޅުވިއެވެ. ކަރަންޓް އެކްސްޕެންޑިޗާ އިތުރުވަމުންދާކަމަށް ފާހަގަކޮށް އަމީރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މީގެ އިތުރުން ބަޖެޓާއި އެއްގޮތަށް ސަރުކާރަށް ބޭރުގެ އެހީތައް ހަމަޖެއްސިފައިނުވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ފައިސާވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުގެ ވެރިންގެ ބަސްމަގުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވެގެން ދިޔަކަމަށް ފާހަގަކޮށް އަމީރު ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.

