ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ މި އިންޒާރު ދީފައިވަނީ، ރައީސް މުއިއްޒު އެމެރިކާގެ، ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަ ލައިވްކޮށް، ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ.
މިކަން ބަލައި ދިނުމަށް، އެކި އެކި ފަރާތްތަކުން ފުލުހުގައި އެދެމުން ދަނިކޮށް، ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން އެމީހާ ވަނީ ފުލުހުންނަށް ގޮން ޖަހާ، ފޭސްބުކްގައި ބައެއް ޕޯސްޓްތައް ހިއްސާކޮށްފައެވެ. މިއީ ފޭކް އެކައުންޓަކުންކަމެއް ނުވަނަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މިޔާދު 40އ އެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، އޭނާ ބޭނުން ކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓަކުން ރައީސް މުއިއްޒުއަށާއި، ދައުލަތުގެ އެކި ފެންވަރުގެ ވެެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އިންޒާރުދީފައިވާކަމަށެވެ. އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމަށާއި، އެ ނޫންވެސް ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ ހަޑި އުތުރު ބަހުން އެކި ޕޯސްޓްތައް ކޮށްފައިވާކަމަށެވެ.
އޭނާ އާއި ގުޅޭ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ޕޯސްޓްތައް ކުރަމުންދާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެެއިން ބޭރުގައި ހުރުމަށްފަހު، ރޭ މާލެ އައުމުންނެވެ. އޭނާ ހައްޔަރު ކުރީވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއާއިއޭ) އިންނެވެ.

