ރިޔާސީ އިންތިހާބާއި ގާތްކޮށް އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދޭ ހާލަތެއް މެދުވެރި ނުވި ނަމަ ޕާޓީއަށް އިންތިހާބު ކާމިޔާބުވާނެކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ބޮޑު ބައްޔަށްފަހު، ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، މި ބަލީގެ ސަބަބު ދެނެގަތުމަށްޓަކައި ދިރާސާއެއް ހައްދަވާނެކަމަށް އޭރު ޕާޓީއިން ބުންޏެވެ. އެމްޑީޕީއިން ހދ ކުޅުދުއްދުއްފުށީގައި ކުރިއަށް ގެންދިޔަ ”ލާމަރުކަޒީ ގުޅުން“ ޕެނަލް ޑިސްކަޝަންގައި މި ދިރާސާއާއި ގުޅިގެން ސުވާލުކުރިއެވެ.
އެއާއި ގުޅިގެން ފައްޔާޒް ވިދާޅުވީ މި ދިރާސާ މިހާރު ނިމިފައިވާކަމަށެވެ. ނަމަވެސް، ދިރާސާގެ ކަންކަން ހާމަކުރާނީ ގައުމީ މަޖިލީހަށް ހުށައެޅުމަށްފަހުކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ދިރާސާއެއް ނުކުރި ނަމަވެސް، ބައެއް ކަންކަން ސާފުކޮށް ފެންނަން އެބަހުރިކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ހުދު އޭނާއަށްވެސް ގަބޫލު ކުރެވޭ ގޮތުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ ފަހު ވަގުތު ޕާޓީ ދެބައިވުމުންކަމަށެވެ.
އަޅުގަނޑަށް ފެނުނު ތަނުގައި، އެހާ ފަހު ވަގުތު ކައިވެރިވެފައިވަނިކޮށް، ޕާޓީ ސްޕްލިޓް ވެގެން ނުދިޔަ ނަމަ އިންތިހާބު ގެއްލިގެނެއް ނުދާނެ ކަމަށް އަޅުގަނޑު ދެކެނީ.
ގައުމީ މަޖިލީހަށް ހުށަހެޅުމަށް ފަހު ދިރާސާ އާންމު ކުރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއީ މިނިވަން ދިރާސާއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއި އަރިސް މެންބަރުން އެމްޑީޕީއިން ވަކިވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ބަޔަށްފަހުއެވެ. ރައީސް ނަޝީދު ”ދަ ޑިމޮކްރެޓްސް“ ނަމުގައި އޭރު އާ ޕާޓީއެއް އުފެއްދަވާ، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްވެސް ނެރުއްވިއެވެ. އެހެންކަމުން އެމްޑީޕީއަށް ލިބެން އޮތް ވޯޓުގެ ބޮޑު އިންސައްތައެއް ބައިބައި ވެގެން ދިޔައެވެ.

