ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ދިނުމުގައި މާލެ ސިޓީ ކައުންސިލް އެމްޑީޕީގެ އައްޑާއަކަށް!

‘ލާމަރުކަޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސް’ގައި އާދަމް އާޒިމް ވާހަކަ ދައްކަވަނ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގުޅުންގެ ނަމުގައި، ހދ. ކުޅުދުއްފުށީގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ދެއްކުމެވެ. ސިޓީތަކުގެ މޭޔަރުންނާއި އެކު ކުރިޔަށް ގެންދިޔަ އެ ބައްދަލުވުން ފެށުމުގެ ކުރިން ޕާޓީން ބުނެފައި ވަނީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލަރުންގެ ބާރުތައް ނަގައި، އެ ނިޒާމު އެއްކޮށް ފުނޑާލުމަށް ކަމަށެވެ. އަދި ރަށްތަކުގެ ކައުންސިލްތަކަށް ހާއްސަކޮށް ސިޓީތަކުގެ މޭޔަރުން ބޭނުންވާ މަސައްކަތްތައް ފަހިކޮށް ނުދޭކަމަށް ބުންޏެވެ.

މި ބައްދަލުވުމުގެ ތެރޭގައި، އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރުން ރައީސް މުއިއްޒާއި ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އެމަނިކުފާނު މޭޔަރުކަމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކާއި މެދު ވެސް ސުވާލު އުފެއްދި އެވެ. އެކަމަކު އެބަޔަކަށް އެއްބާރުލުން ނުދޭކަމަށް ބުނާ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އޭނާއަށް މިއަދާއި ހަމައަށް މަސައްކަތުގައި ކުރިމަތިވި ނުވަތަ ކުރިމަތި ކުރުވި ދައްޗެއް ނެތެވެ.

އާޒިމް ވިދާޅުވީ ކައުންސިލްގެ ތެރެއިން އޭނާ ކުރަން ބޭނުންވި ހުރިހާ ކަމަކަށް ވެސް ސަރުކާރުން މަގުފަހިކޮށްދިންކަމަށާއި، ކޮންސަލްޓެންޓުން ބޭނުވުމުން ސީދާ ޕާޓީގެ 15 މެމްބަރަކަށް އެ ފުރުސަތު ދިންކަމަށެވެ.

އަޅުގަނޑަށް މިވަގުތު ހަމަ ދަތިވާކަމެއް ނެތް، ކައުންސިލްގައި.. ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ހުރިހާކަމެއް ވެއްޖެއްޔާކޮށްދޭ.. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމަ ކޮންސަލްޓެންޓުން ނަގައިގެން.. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން އެތިބީ ވެސް.. އެކަކު ނޫނީ، އެހެންވީމަ ދަތިކަމެއް އަޅުގަނޑަކަށް އަދި މިހާތަނަށް ނެތް..

މާލެ ސިޓީ ކައުންސިލުން މިހާރު ކުރިޔަށް ގެންދާ ގިނަ މަސައްކަތްތައް ހުރިއިރު، މީގެ ކުރިން ވެސް އެކި ބައްދަލުވުންތަކުގައި އާޒިމް ވިދާޅުވި ގޮތުގައި މަސައްކަތް ކުރުމަށް ސަރުކާރުން އެއްވެސް ދައްޗެއް ކުރިމަތި ނުކުރުވަ އެވެ. އަދި ދެބަސްވުންތަކުގެ ބަދަލުގައި، ނަތީޖާ ނެރެވޭނެ ގޮތްތަކެއް ހޯދައި ބޭނުން ވަނީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރާ ރަނގަޅު މަސައްކަތްތަކަށް އެއްބާރުލުން ދިނުންކަމަށް ވެސް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރާއި މެދު ކައުންސިލްތަކުން ހިތްހަމަނުޖެހުންތަކެއް އެބަހުރިިކަމަށް ދެއްކުމަށް އެމްޑީޕީ ބޭއްވި ކޮންފަރެސްންގައި، އާޒިމް ވާހަކަ ދައްކަވައި ނިމުމާއި އެކު ރިޔާސަތުން އެބައި އުނި ކުރުމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރަށް އިރުޝާދު ދެ އެވެ. ކައުންސިލްގެ މީޑިއާ އޮފިސަރަކީ ވެސް އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ، އެ ޕާޓީގެ ވެރިކަމުގައި ހެލްތް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރި ފަރާތެކެވެ.

މި ސަރުކާރުން ކައުންސިލުން ބޭނުންވި ގޮތަށް 15 ކޮންސަލްޓެންޓުން ނެގުމަށް ދޫކުރިކަމަށާއި، އަދި އެއީ ޕާޓީގެ މެމްބަރުންކަމަށް ވިދާޅުވިބައި އުނި ކުރުމަށް ރިޔާސަތުން އިރުޝާދު ދެނީ އެވަގުތު އެ ބައްދަލުވުން ވަގުތުން ދައްކަމުން ދާކަން ނޭނގި އެވެ. އަދި އެހެން ވިދާޅުވާތާ ކުޑަ ވަގުތުކޮޅެއް ފަހުން އެއީ ލައިވްއެއްކަމަށް ސެކްރެޓޭރިއޭޓުން އެންގުމުން، ރިޔާސަތުގައި ތިއްބެވި ބޭފުޅުން ނުރުހުންވެ މާޔޫސްވާ މަންޒަރު ފެނެ އެވެ.

ކޮންފަރެންސްގެ މެންދުރު ދަންފަޅީގައި އެ ވާހަކަ ދެކެވުމާއި އެކު، ލައިވް މިހާރު ވަނީ ޑިލީޓުކޮށްލާފަ އެވެ.

އެމްޑީޕީ ބުނާ ގޮތުގައި އެ ޕާޓީއަކީ ލާމަރުކަޒީ ނިޒާމު މި ގައުމަށް އުފެއްދި، އެ ނިޒާމުގެ ޗެމްޕިއަނުންނެވެ. އަދި އެ ޕާޓީ ނޫން އެހެން ހުރިހާ ބައެއް މަސައްކަތް ކުރަނީ ބާރުތައް މުށު ތެރެއަށް ޖަމާ ކުރުމަށްކަމަށް ދެކެ އެވެ. އެހެން ނަމަވެސް ކައުންސިލްގެ މެމްބަރެއް އަދި އެންމެ ބޮޑު ސިޓީގެ މޭޔަރު ސަރުކާރުން އެއްބާރުލުން ދޭކަމާއި އަދި ޕާޓީގެ 15 މެމްބަރުން ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައިވާނެކަމަށް ވިދާޅުވި ވާހަކަ އުނިކޮށް ވީޑިއޯ އާންމު ކުރުމަށް އިރުޝާދު ދިނުމުން ކޮންފަރެންސެއް ބޭއްވުމުގެ މަގްސަދަކީ ކޮބައިކަން މާ ބޮޑަށް ވެސް ސާފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: