ސްޓެލްކޯގެ ލީޑާޝިޕް އެންހޭސްމަންޓް ޕްރޮގްރާމް އެ ކުންފުނީގެ 469 މުވައްޒަފަކު މިހާތަނަށް ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިން ކުރިޔަށް ގެންދިޔައީ ގިރިފުށީގައެވެ. މިއީ އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ފެށި ޓްރެއިނިން ފުރިހަމަކޮށް މާލެއަށް އެންމެފަހުން އައި ބެޗުގައި 51 މުވައްޒަފަކު ހިމެނެ އެވެ. މިއާއި އެކު ލީޑާޝިޕް އެންހޭންސްމަންޓް ފުރިހަމަކުރި މުވައްޒަފުންގެ އަދަދު 469 އަށް އަރައެވެ.
ފަހުމީ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން މުވައްޒަފުންނަށާއި މުޅި ސްޓެލްކޯއަށްވެސް ކާމިޔާބު މުސްތަގުބަލަކަށް މަގުފަހުވެގެންދާ ކަމަށެވެ.
ކުންފުނީގެ ލީޑާޝިޕް ކެޕޭސިޓީ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މި ޕްރޮގްރާމު ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހޯދައިދެވޭނެކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ސްޓެލްކޯގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ކިބައިގައި ލީޑާޝިޕް ހުނަރު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

