ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުންނާއި އަދި އަތޮޅުގެ ކައުންސިލްތަކުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ދެއްވައި އެއްބާރުލުމާއި ބަހައްޓަވައި ގާތްކަމަށް ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާކުރައްވައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެކަން ހާސިލްކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ޒުވާން ޙަތީބުން ތަމްރީނު ކުރުމުގެ ޕްރޮގުރާމާއި، ޤުރުޢާން ރީއްޗަށް ތަޖުވީދުކޮށް ކިޔަވަން ދަސްކޮށްދިނުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
މިސްކިތުގެ ޤާރީ ކުލާސް ޕްރޮގުރާމް ފެއްޓެވުމަށް އެ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިސްކިތު ޤާރީ ކުލާސްތައް ކުރިއަށް ގެންދަވާ ފަރާތްތަކަށް ކައުންސިލްތަކުން އެހީތެރިކާމާއި ޙިޔާލު ދެެއްވުމަށް އެދިލައްވައި ކަމަށެވެ. ވަޒީރު ވިދާޅުވީ، ޤާރީ ކުލާސްތައް ރަށްރަށުގައި ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ ވުޒާރާއިން އަބަދުވެސް ދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހިލޭ ޤުރުއާން އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަކީ ރައީސްގެ މެނިފެސްޓޯގައި ހިމަނައިފައިވާ މުހިންމު މަޝްރޫއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 29 ރަށެއްގައި މި ކްލާސްތައް ވަނީ ފަށައިފައެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހު މަޤްރިބް ނަމާދަށް ފަހު ސިލްސިލާކޮށް ދަރުސް ދިނުމުގެ ހަރަކާތްތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެއެވެ.

