މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 82.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ އެކަނިވެސް މުދަލު ޒަކާތަށް 8.7 މިލިއަން ލިބިފައިވީނަމަވެސް ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވުމެކެވެ.
އޭގެއިތުރުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 82.5 މިލިއަން ރުފިޔާ މުދަލު ޒަކާތަށް ލިބިފައިވެއެވެ. މިދިޔަ އަހަރު އެ މުއްދަތާ ހަމައަށް ލިބުނީ 70 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު، ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެގޮތުން، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 އެވެ.
އޭގެ ކުރިން މިދިޔަ ޖެނުއަރީ މަހު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު 7140 ދިވެހި ރުފިޔާއަށް ދަށް ވެސް ކުރިއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.

