ބެލްކަން ވެއްޓި މަރުވި ޒުވާން އަންހެން މީހާގެ މައްސަލައިގައި ޖިންސީ ގޯނާގެ އަމަލެއް ފާހަގަކުރެވިފައިނުވާކަމަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ޓީވީ މީޑިއައަކުން ވަނީ އާއިލާގެ މެމްބަރުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށް ރިޕޯޓެއް އާންމުކޮށްފަ އެވެ. މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ކުރާ ތުހުމަތުތައް ފުލުހުން މިއަދު ދޮގު ކުރި އެވެ.
މައްސަލައިގައި މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި ވިފާގުއަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ދާތާ ގިނަ އަހަރުތަކެއްވީ ޒުވާނެކެވެ. އެގޮތުން އޭނާގެ ނަފްސާނީ ބޮޑެތި މައްސަލަތައް ހުރިއިރު، ޑިޕްރެޝަނަށް ދިއުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި އޭނާގެ ޅަ އުމުރެއްގައި މައިންބަފައިން ވަކިވުން ހިމެނުން އެކަށިގެންވާކަމަށް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވި ގޮތުގައި އޭނާގެ ޑިޕްރެޝަން ހުރިކަން 2014 ގައި ފާހަގަކުރެވި، 2016 ވަނަ އަހަރުގައި ރަސްމީގޮތުން އެކަމަށް އައީ ފަރުވާ ހޯދަމުންނެވެ.
އޭނާ މައުލޫމާތު ދެއްވި ގޮތުން ނިޔާވެފައިވާ އަންހެން މީހާގެ ފަރާތުން އާއިލާ ރޫޅިގެން ދިއުމުގެ ދަތިކަމުގެ އިތުރުން ފާހަގަކުރެވިފައިވަނީ ތައުލީމީ މާހައުލުގައި ގަނާތަކާއި ކުރިމަތިލާންޖެހުން ފަދަ ކަންކަން ކަމަށެވެ. އަދި އެހެން ކުދިން އޭނާގެ ވާހަކަ ދައްކަމުންދާކަމަށް ގަބޫލުކުރެވިފައިވުން ފަދަ ބައިވަރު ކަންކަން ހުރިކަން ތަހުގީގަށް ލިބުނު ބަޔާންތަކުގައިވާ ކަމަށެވެ.
މައްސަލައިގައި ކުރާ ޖިންސީ ގޯނާގެކަމެއް މިހާތަނަށް ފާހަގަވެފައި ނެތްކަމަށް ޝިފާއު ވިދާޅުވި އެވެ. ޝިފާއު ވިދާޅުވީ، އަންހެން މީހާގެ ފަރާތުންވެސް އެއްވެސް އެހެން ފަރާތަކަށް އެފަދަ ވާހަކައެއް ހިއްސާކޮށްފައިނުވާކަމަށާއި ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތަށް ދޮން ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭކަން ބައްޕަގެ ފަރާތުންވެސް ތަހުގީގު މަރުހަލާގައި ހިއްސާކޮށްފައި ނުވާކަމަށެވެ.
ޒާތީ މައުލޫމާތުތަކެއް އާންމުކޮށް ރިޕޯޓެއް ގެނެސްދިން މައްސަލަ، ފުލުހުންގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފަ އެވެ.

