ދިވެހި ސިފައިން ޑޯނިއާ މަތިންދާބޯޓުތައް ބޭނުންނުކުރާ ސަބަބު ރައްޔިތުން އެނގެން ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަޒާން މިހެން ވިދާޅުވެފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓް ހިއްސާކުރެއްވީ ޑޯނިއާ ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ހައިކޯޓަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އަޒާން ވިދާޅުވީ ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ގިނަ އަދަދެއްގެ ރައްޔިތުން އެނގެން ބޭނުންވާ ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށްވެސް އަޒާން ފާހަގަކުރެއްވިއެވެ.
”ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ އެކަހަލަ ކަންކަން ފޮރުވުމުން،“ އަޒާން ވިދާޅުވިއެވެ. އަދި ޑިފެންސްގެ އެ ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވިއެވެ.
ޑޯނިއާ ދުއްވަން އެމްއެންޑީއެފްގެ ދެ އޮފިސަރަކު 2021 ވަނަ އަހަރު ތަމްރީނުތައް ވަނީ ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް އެ އޮފިސަރުންނަށް އެ އުޅަނދުތައް ދުއްވަން ދީފައެއް ނުވެ އެވެ. މި މައްސަލައާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން އަދި ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި މައްސަލައަކީ ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައަކަށް ވުމާއެކު، ގިނަ ރައްޔިތުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

