ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އައިޝަތު އަޒީމާގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި މައްސަލަ މިއަދު ފެށުނު މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި އެޖެންޑާ ކުރެވި، ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އައިޝަތު އަޒީމާއަކީ މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ 2019 އިން 2023 އަށް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ނަން ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ގެނެސް، މަޖިލީހުގެ މެންބަރުންގެ ވޯޓަކުން މި ނަން ފާސްވުމުން، އައިޝަތު އަޒީމާ އިންޑިއާގެ ސަފީރުކަމަށް ރަސްމީކޮށް އައްޔަންކުރެވޭނެއެވެ.

