ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެ، މުރާއިދޫގޭ މުވައްޒަފުންގެ ތަފްސީލު ހޯދުމަށް ހުށަހެޅި އާރުޓީއައިގެ މައްސަލައިގައި ތާވަލު ކުރި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފި އެވެ.
ތަނުގެ ބައެއް މަރާމާތުގެ މަސައްކަތްތަކަށް ފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި މަހު އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި އާރުޓީއައިއަކަށް މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލިސް ރައީސަކީ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ ބޭފުޅަކަށް ވާތީ މުވައްޒަފުންގެ އަދަދު ހާމަކުރުމާއި މެދު ގޮތް ނިންމާނީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ކަމަށެވެ.
ރާއްޖޭގެ އޮންލައިން މީޑއާ ”މިހާރު“ ނޫހުން ހުށަހެޅި އާރުޓީއައި މެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދަޅުވީ މުއްދަތު ހަމަވުމަށް ފަހު އިތުރު 15 ދުވަސް ހޯދައިގެން ވެސް ޖަވާބެއް ނުދެވި އޮތީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރާއި އާރުޓީއައި ދިމާވުމުން ކަމަށެވެ.
މި ބައްދަލުވުމަށް ނޫސްވެރިންނަށް ނުވަދެވޭހެން ސިއްރުން ކުރިޔަށް ގެންދިއުމަށް، ފާސްކުރީ ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއީދުކޮށް ކުރައްވައި ނެގި ވޯޓުގަ އެވެ.
މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންގެ ތެރެއިން ތަފްސީލު އެނގެނީ މުރައިދޫގެ އެންމެ އިސްވެރިއަކަށް ހުންނެވި ޗީފް އޮފް ސްޓާފް، ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމާއި ޑިރެކްޓަރ ޖެނެރަލްއަކަށް އައްޔަނު ކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެއެވެ.

