ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ މަސްފަންއަށް ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް، އަނިޔާކޮށް އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި، މއ. މަސްފެން، މުޙައްމަދު ރީހާންއާއި، މއ. މަސްފެން، ޢާއިޝަތުގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން، އަނިޔާއެއް ދިނުމުގެ ދައުވާ
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ދައުވާ
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން، ފޭރުުގެ ދައުވާ
މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫންކަމަށް މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ،
ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

