މާލޭގެ އަމީނީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޕަންޕް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެެވެ.
މާލޭގެ ހުޅަނގު ސަރަޙައްދުގައި، އަދި ވެސްޓް ޕާކާއި، އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވުމާއިގުޅިގެން، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިސްވެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބައިވެރިވުމާއެކު 10 މެއި 2024 އާރުޑީސީ އާ ޙަވާލުކުރެވުނު މަސައްކަތް ވަނީ ފަށައިފައެވެ.
އަމީނީމަގުގައި ހުރި ފެންހިދާ ނިޒާމުތައް މިހާރު ވަނީ ބަދަލުކުރެވިފައެވެ. އަދި މިހާރު ކުޑަކުދިން މަޤީޗާ ސަރަހައްދުގައި ހުރި ޕަންޕްއާއި ސަލާހުއްދީން ބިލްޑިންކައިރިހުރި ޕާކިން ޒޯނުގާތުގައި ހުރި ފެން ހިންދާ ޕަންޕްއާއި އަދި ސްޓޭޑިއަމް ތެރޭގައިވާ ޕަންޕްވެސް އެއްކޮށް ވަނީ ބަދަލުކުރެވިފައެވެ. މީގެ ކުރިން އެތަންތަނަށް ގުޅާފައިވަނީ 9 ކިލޮވޮޓުގެ ޕަންޕެވެ. ނަމަވެސް މިހާރު ކޮންމެ ސްޓޭޝަނެއްގައި 20 ކިލޯ ވޮޓުގެ 2 ޕަންޕް ވަނީ ބަހައްޓައިފައެވެ.
މާލެ މަގުތަކުގައި ކުރައްވައި މަސައްކަތުގެ ނަތިއްޖާ މިހާރު މި ކުރައްމުންދާ ވިއްސާރޭގެ ދުވަސްވަރު ފެނިގެން ދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓަރަކްޗަރ ވަނީ ބުނެފައެވެ. މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

