އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފި އެވެ.
ރަސްމީ ދަތުރުތަކުގެ ތަފްސީލު ހާމަކުރުމަށް ނިންމި ފަހުން ރައީސާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދުތައް ރައީސް އޮފީހުން ދަނީ އާންމު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ކުރެއްވި 09 ދުވަހުގެ ދަތުރުފުޅަށް ހޭދަވީ 2.45 މިލިއަން ރުފިޔާކަމަށް ތަފްސީލުތަކުގައި ވެއެވެ.
ރައީސް އޮފީހުން ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ. ގައި ބައިވެރިވުމަށް ދެ ފަހަރެއްގެ މަތީން ވަޑައިގެންނެވިއިރު 2019 ވަނަ އަހަރު އެކަނި ވެސް 4.17 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި 2021 ވަނަ އަހަރު ކުރެއްވި ދަތުރުފުޅަށް ހޭދަކުރީ 5.3 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން މިއީ ކުރީ ސަރުކާރުން ކުރި ދެ ދަތުރާއި އަޅާބަލައި ވަރަށް ބޮޑުތަނުން ކުޑަ އަދަދެއްކަމަށް ރައީސް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ނައިބު ރައީސްގެ ބޭރު ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ނުކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލުތައް ހާމަކުރައްވާފައިވާއިރު މި ދަތުރުފުޅުތަކުގައި ބޮޑެތި އިންވެސްޓްމަންޓް ފުރުސަތުތައް ރާއްޖެއަށް ތަނަވަސްވެ، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ އެތަކެއް ކަންތައްތަކެއް ފަހިވެގެން ގޮސްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

