ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަގުސަދުގައި ”އެމްޕަވަރމަންޓް ހަބް“ ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ނިންމައިފިއެވެ.
އެމްޕަވަރމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ.
މިގޮތުން، މި މަރުކަޒު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުޞަތެއްކަމަށް ސަރުކާރުން ފާހަގަކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާއި ނުލާ ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފަދައިން އިމާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. މިހެންކަމުން، މި މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް މާހައުލަކުން ޚިދުމަތް ލިބިގެންދާނެ މަރުކަޒަކަށް ވެގެންދާނެއެވެ.
އެމްޕަވަރމަންޓް ހަބުގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިން ހޯދުމުގެ ފުރުޞަތުވެސް ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް މައުލޫމާތުދެއެވެ. ހަމަމިއާއެކު، މި މަރުކަޒުގެ ޒަރިއްޔާއިން ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދާނެކަމަށް ދެކެއެވެ.
އެމްޕަވަރމަންޓް ހަބް ގާއިމްކުރުމަށް މި މަރުކަޒު ހިންގާނެ ގޮތުގެ މޮޑެލް ފައިނަލް ކުރުމާއި މަރުކަޒު ހިންގާނެ ޖާގަ ކަށަވަރުކުރުމުގެ މަސައްކަތް ވުޒާރާއިން މިހާރު ދަނީ ކުރިއަށްދަމުންނެވެ.

