ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕްގެ މައްސަލައިގައި ކުރީ ސަރުކާރުތަކުން އޮތީ ފިޔަވަޅެއް ނާޅައި: ކޮންގްރެސް ޕާޓީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަދަނީ ޖަމްޢިއްޔާތަކާއި ޞިއްޙީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް ވޭޕްގެ މައްސަލައިގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނާޅައި ކަމަށް ކޮންގްރެސް ޕާޓީން ބުނެފިއެވެ.

ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދައިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެހިތަކެއް ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ޙަޤީޤަތެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ވޭޕުގެ ޞިއްޙީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެ ޙަޤީޤަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ޞިއްޙީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅައި ކަމަށް ކޮންގްރެސް ޕާޓީން ވަނީ ބުނެފައެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެއީ އަންނާން އޮތް ދިވެހި ޖީލުތައް ޙިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި ޕާޓީން ޤަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ރައީސް ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި ޢާންމު ފަރުދުން އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: