ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި، ނިންމެވުމަކީ ވަރުގަދަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަގްސަދުގައި ރައީސް ޑރ. މުއިއްޒު ނިންމެވި ވަރުގަދަ ނިންމެވުމަކީ ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެއްވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ. އަދި އެ ނިންމެވުމަށް މަރުހަބާ އާއި ތަހުނިޔާ ވަނީ އަރިސް ކުރައްވައިފައެވެ.
ރައީސް ޑރ. މުއިއްޒު ވޭޕް ކުރުމާއި ގުޅިގެން ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން 2024 ނޮވެމްބަރު 15 އިން ފެށިގެން މަނާކުރާކަމަށެވެ. އަދި 2024 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ވޭޕް މަނާ ކުރުމަށް ނިންމައިފައިވަނީ ޅަދަރިންނާއި ޒުވާނުންގެ އިތުރުން މުޅި ޤައުމުގެ ރައްޔިތުންގެ ހައްޤުގައެވެ. ވޭޕް މަނާ ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިންނާއި ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވައިލައިފައެވެ.

