ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އިގްތިސާދު ހަމައަކަށް އަޅުވާނީ، ރައްޔިތުންގެ ޖީބަށް ބާރު ބޮޑު ނުވާނެހެން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރެއްވަމުން، ޝުޖާއު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ދައުލަތުގެ މާލީ ޙާލަތު ވަނީ ނިކަމެތި ދަރަޖައެއްގައި ކަމަށެވެ. އަދި އޭގެ ކުރީގެ ސަރުކާރުން ދައުލަތް ހިންގި ގޮތް އިޞްލާޙު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ މެންބަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީވެސް މުހިންމު ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން ރައްޔިތުންނަށް އިތުރު ބުރައެއް ނުވާނެ ގޮތަށް އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެ މެންބަރު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމްގެ ދާއިރާއިން ނެގޭ ޓެކްސްތައް، އެންމެ ޕަސެންޓެއް އިތުރުކޮށްގެން އާމްދަނީ އިތުރު ކުރަމުން އިތުރުކުރަމުން ގޮސް، މުޅި އިގްތިސާދު ހަމައަކަށް އެޅުވުމުގެ ވިސްނުންފުޅު ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާކަން، އަޅުގަނޑުމެންނަށް މި އިސްލާހުން ހާމަވެގެން އެބަދޭ އިއްޒަތްތެރި ރައީސް.

އޭގެ އިތުރުން، ކުރީގެ ސަރުކާރުންވެސް މި ޤާނޫނަށް އިޞްލާޙު ގެނެސް ޓެކްސް ބޮޑުކުރި ނަމަވެސް، އޭގެ ސަބަބުން އިތުރުވި އާމްދަނީ ބޭނުންކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތުގައި ނޫންކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން، ކުންފުނިތަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވަޒީފާ އުފައްދާފައިވާކަން އެ މެންބަރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު އިންވެސްޓްމަންޓްތައް ގެންނަން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް ފައިސާ ބޭނުންވާއިރު، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އިތުރު ބުރައެއް ނުވާނެ ގޮތަށްކަން އެ މެންބަރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުން ކޮވިޑް-19ގެ ދަތި ދުވަސްވަރުގައި ލިބުނު ހިލޭ އެހީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ލިބޭ އާމްދަނީ އަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށާއި، އިޤްތިޞާދު މެނޭޖްކުރުމުގައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އެ މެންބަރު ވިދާޅުވިއެވެ.

މި އިޞްލާޙުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސްތައް އިތުރަށް ހަރުދަނާވެ، މަތީ ފެންވަރުގެ ޚިދުމަތްތަކަށާއި ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް އަސަރުކުރާ މުހިންމު އަސާސްތަކެއް ހިމެނިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރެއްވިއެވެ. އަދި މި އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެދާނެ ކަމަށް އެ މެންބަރު ފާހަގަކުރެއްވިއެވެ.

ނިންމާލަމުން، ޝުޖާއު ވިދާޅުވީ މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރާ، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭނެ މުހިންމު އިޞްލާޙެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: