ސަރުކާރުން 7000އަށް ވުރެ ގިނަ ވަޒީފާ ދޫކޮށްފައިވާ ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.
ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހަޤީޤަތަށް ބެލުމެއްނެތި ޙިޔާލަށް އަންނަ ވާހަކަ ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުނިތަކަށް ބަލާލުމުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާ ކަމަށް ޕީސީބީގެ ތަފާސް ހިސާބުތަކުން އެނގިގެންދާނެ ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަޤީޤަތް އޮޅުވާލަން އެފަދަ ދޮގު ޙަބަރުތައް ލިޔަމުންދާ ކަމަށެވެ.
އެހެންނަމަވެސް، އަދަދު ނޫހުން ލިޔެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ނަގައިފައިވާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ވަޒީފާ ދީފައިވަނީ ފެނަކައިން ކަމަށާއި، އެ ކުންފުނިން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް 1800 ވަޒީފާ ދީފައިވާ ކަމަށް އަދަދު ނޫހުން ބުނެފައިވެއެވެ.

