ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބަދަލަށް އުނދަގޫވާނެ، އެކަމަށް އެސޯސިއޭޝަންތައް މަރުހަބާ ކިޔާ ސަބަބެއް ނުވިސްނޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލިއަކަށް ޓެކްސްއަށް ގެނައި ބަދަލާއި އެކު ވެސް، ފަތުރުވެރިކަމުގެ ދާއިރާގެ އެކި އެކި ފަރާތްތައް އެކަމަށް ހިތްހަމަޖެހި އިއުތިރާޒެއް ނުކުރާ ސަބަބު ނުވިސްނޭކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ޓެކްސްތަކަށް ގެންނަ ބަދަލުތައް ހިމެނޭ ތިން އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށެވެ.

އެގޮތުން ގްރީން ޓެކްސް 50 އިންސައްތަ އިތުރު ކުރުމަށް ނިންމިއިރު، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ. ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް މައުރޫފް ވިދާޅުވީ ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ޓެކްސްތަކަށް ގެންނަ ކޮންމެ ބަދަލަކަށް ސްޓޭކްހޯލްޑަރުންނާއި އެކު މަޝްވަރާ ކުރަން ޖެހޭކަމަށެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އާންމު ކުރި އެކި ގަވައިދުތަކަށް ކަންބޮޑުވުންތައް އައިނަމަވެސް މައުރޫފް ވިދާޅުވި ގޮތުގައި ޖުމްލަކޮށް ދާއިރާގެ އެއްވެސް އިއުތިރާޒެއް ބަދަލުތަކާއި މެދު ނެތް ނަމަ އޭނާ ކުރާނެ ޝަކުވާއެއް ނެތްކަމަށެވެ. އަދި ސަރުކާރުން ވެސް މަޝްވަރާތައް ކުރިކަން އެނގޭކަމަށް އޭނާ ވިދާޅުވި އެވެ.

ބިލާއި ގުޅޭގޮތުން މަޒާޖީ މޭރުމަކުން ދެއްކެވި ވާހަކައިގައި މައުރޫފް ވިދާޅުވީ ސަރުކާރުން އިގްތިސާދު ސިންދަފާތު ކުރުމުގެ ނަމުގައި ކުރާ މި މަސައްކަތުން އަހަރު ނިމޭއިރު މުޅި ގައުމު އެއްކޮށް ތަރައްގީވެގެން ދާނެކަމަށެވެ. އަދި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދިހަ މަސް ދުވަސް އެއްކޮށް ގާނޫނަށް ގެނެސް، އިސްލާހުތައް ފާސްކުރުމުގައި ހޭދަކުރާ ސަބަބަކީ އެއީކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓު އިންޑަސްޓްރީން މިކަމަށް އެބަ މަރުހަބާ ކިޔާ.. ޓޫރިސްޓު ސަފާރީ އުޅަނދުތަކުންނާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ސަބީލިއްލާހިއަށް މިކަމަށް އެބަ މަރުހަބާ ކިޔާ.. އެހެންވީމަ ދެން އަޅުގަނޑުމެން.. އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ގެސްޓްހައުސް ހިންގަން.. އެހެންވީމަ އަޅުގަނޑަށް ހީވަނީ ކުއްލިއަކަށް ތިން ޑޮލަރު ހަ ޑޮލަރަށް ބަދަލުކޮށްލުމުން 100 ޕަސަންޓުގެ ބޮޑު ބަދަލެއް ގެނައީމާ އަޅުގަނޑަށް ވެސް އުނދަގޫވާނެހެން ގެސްޓުން އަތުން ނަގާ ފީތައް ބޮޑުވީމަ..  އެކަމަކު އަޅުގަނޑަށް ނޭނގެ ގެސްޓްހައުސް އެސޯސިއޭޝަން ހިނގާ ފަރާތްތަކުން މިކަމަށް މަރުހަބާ ކިޔާ ސަބަބެއް.. ސަރުކާރުން މި ގެންނަ އިންތިހާ ބަދަލުތަކަށް އިންޑަސްޓްރީން އިންތިހާއަށް މަރުހަބާ އެބަކިޔާ..

ފަތުރުވެރިންގެ އަތުން ނަގާ ފީތަކަށް ކުއްލިއަކަށް އަންނަ ބޮޑު ބަދަލާއި އެކު ލޯކަލް ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިވެރިންނަށް ވެސް ވާނެ ދަތިތައް ހުންނާނެކަމަށެވެ. އެހެން ނަމަވެސް މި ބަދަލަށް ރުހި އެސޯސިއޭޝަންތަކާއި، މުޅި ދާއިރާ އެއްކޮށް ތާއީދު ކުރާ ސަބަބެއް ނުވިސްނޭކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ކޮންމެ ދައްޗަކާއި އެކު ވެސް ސަރުކާރު ބުނާ ގޮތަށް ރައްޔިތުން ތިވީ ވެރިކަން ކުރާ މައި ޕާޓީއަށް ސޮއި ކުރުމަށް ތައްޔާރަށްކަމަށާއި އެހެން ކަމުން ދެން އެހެން ބަޔަކު އެކަމަށް ކުރާނެ ޝަކުވާއެއް ނެތްކަމަށެވެ.

ކުރިޔަށް ވަޑައިގަންނަން ވީ ބޮޑު ސުޕަ މެޖޯރިޓީގައި މި ބަދަލުތައް ގެނެސް މި އަންނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދު އުޑުގައި ފިޔަ ޖަހާ ހިސާބަށް އަޅުގަނޑުމެން ގެންދަންވީ.. އަޅުގަނޑަކަށް މިއަދަކު މިހާރު ޝައްކެއް ނެތް މި ބަދަލުތަކާއި ދޭތެރޭގައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ބިލުތަކަށް ވަރަށް ތާއީދު ކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން.. އަޅުގަނޑަށްވީ ވަރަކުން، އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ހުރި މިންވަރަކުން އިރާދަކުރެއްވިއްޔާ މި ކަން ޕްރޮމޯޓުކޮށް، މި ގެންނަ ހެޔޮބަދަލުތަކާއި އެކު ރައްޔިތުންނަށް ވިސްނައިދީ ރަނގަޅު ބަދަލުތަކަށް ތާއީދުކޮށް އިރާދަކުރެއްވިއްޔާ ވަކާލާތުވެސް ކުރާނަން..

މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން އިސްލާހު ހުށަހަޅާފައި ވަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމާއި ގްރީން ޓެކްސްގެ ރޭޓުތަކަށް ބަދަލު ގެނައުމަށެވެ.

ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް ޓީޖީއެސްޓީގެ 16 އިންސައްތަ ދައްކަން ޖެހޭނީ އަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނީ 17 އިންސައްތަ އެވެ.

އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާއި ބެގޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޑިޕާޗާ ޓެކްސް އެވެ. އެ އިސްލާހުގައި ވަނީ އިކޮނޮމީ ކްލާސްގައި ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރު އަދި ބިސީންގެ އަތުން 50 ޑޮލަރު ނެގުމަށެވެ. އަދި ބިޒްނަސް ކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު، ފަސްޓްކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން 480 ޑޮލަރު ނެގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: