ޓީޖީއެސްޓީ ބޮޑުކުރުމުން ފަތުރުވެރިކަމަށް އޭގެ ނުރަގަނޅު އަސަރު ކުރާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށައެޅި ހުށައެޅުމަށް ތާއީދު ނުކުރާކަން ހާމަކޮށް ދެއްކެވި ވާހަކައިގައި ނާޒިމް ވިދާޅުވީ، މި ބިލަށް ތާއީދު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް އަދި ސަރުކާރަށް ދެއްކިފައިނުވާކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ޓެކްސް ބޮޑު ކުރަނީ ކީއްވެގެންކަމާއި، ޓެކްސް ބޮޑުކުރުމުން ވާނެ ފައިދާ މި ބިލުގެ ތެރެއިން ސަރުކާރަށް ބުނެދެވިފައިނުވާކަމަށެވެ.
އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު މި ޓެކްސް ބޮޑު ކުރުމާއި ގުޅިގެން، މި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެންދާނެ.
ނާޒިލް ވިދާޅުވިއެވެ.
ޓީޖީއެސްޓީ ބޮޑުކޮށްފިނަމަ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވާނެކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، މީގެ ފައިދާ ކުރާނީ ކައިރީގައި ހުރި އަވަށްޓެރި ގައުމުތަކަކަށްކަމަށެވެ. އަދި ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމުން ދިވެހި ރައްޔިތުންނަށް އޭގެން އެއްވެސް ގެއްލުމެއް ނުވާނެކަމަށް ސަރުކާރުން ދެކޭކަމަށާއި، އަދި ފަތުރުވެރިކަމުން ލިބޭ ނަފާ އެގޮތުން އިތުރު ކުރެވޭނެކަމަށް ވިސްނި ނަމަވެސް، އެއީ ކަން ހިނގާ ގޮތް ނޫންކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ހަވާލުވެ، އެ ސިނާއަތް ހިންގަނީ ބޭރު މީހުންކަމަށާއި، އެމީހުންގެ މަސައްކަތައްވެސް ޓީޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވެގެންދާނެކަމަށް ނާޒިލް ވިދާޅުވިއެވެ. ކުރިއަށް އޮތް ފަސް މަސް ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީސަންކަމަށްވާއިރު، މިހާރުވެސް ރިސޯޓުތަކުގެ އެނދުތައް ހުންނާނީ ފައިސާ ދައްކާ ބުކް ކޮށްފައިކަމަށް ނާޒިލް ވިދާޅުވިއެވެ. ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަނެއްކާ ރިސޯޓުތަކަށް ޖެހޭނީ އިތުރު ފައިސާ ދޭން ޖެހޭކަން ފަތުރުވެރިންނަށް އަންގަންކަމަށް ނާޒިލް ވިދާޅުވިއެވެ.
މިހެން ހުންނަ ކަންތައްތަކަށް ބުރޫ ނާރާ ގޮތަށް މަޝްވަރާކޮށް، ބަދަލުތައް ގެނައުމުގެ ގާބިލްކަން ސަރުކާރުގެ ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
ކިހާ ދެރަކަމެއް އިއްޒަތްތެރި ރައީސް، ކީއްވެތޯ ވިސްނުންތެރިކަމާއިއެކީގައި، ޓެކްސް ބޮޑު ކުރަންޏާ އެކަމާ ގުޅުން ހުރި ބޭފުޅުންނާއި ވާހަކަދައްކާ، ކިހާ ހިސާބަކުންތޯ ބޮޑު ކުރެވޭނީ، ކޮބާތޯ މީގެ އެންމެ ރަނގަޅު ގޮތަކީ. މިގޮތަށް ވާހަކަ ނުދެއްކެންވީ ސަބަބަކީ ކޮބައިތޯ؟
ނާޒިލް ވިދާޅުވިއެވެ.
އެކި ގޮތް ގޮތުން ނަގާ ޓެކްސް ފައިސާ ބޮޑުކުރުމުން، ދަައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ބަޖެޓު އެކުލަވާލާއިރު، އޭގެން ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، މިހާތަނަށް ޓެކްސް ފައިސާއިން ރައްޔިތުންނަށް ކޮށްދެވުނީ ކޮން މަސައްކަތެއްތޯ ނާޒިލް ސުވާލު އުފެއްދެވިއެވެ. ރަށްތަކުގައި ފެށި މަޝްރޫއުއެއް ނެތްކަމަށާއި، ފަށާފައިވާ މަޝްރޫއުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައިކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުން ހަމައެކަނި ކުރާ މަސައްކަތަކީ ހާހުން ސިޔާސީ މަގާމުތައް އުފައްދާ، އެ މަގާމުތަކަށް ހަރަދު ކުރުންކަމަށެވެ. ގައުމު އޮތީ ފައްޓަރު ބައި ވިއްކާލާ ހިސާބުގައިކަމަށް ނާޒިލް ވިދާޅުވިއެވެ.

