ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އެކްސްޕޭންޝަން އެންޑް އިކޮނޮމިކް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އާއި ވަނީ ހަވާލުކޮށްފައެވެ.
ނޫވިލު ސީޕްލޭން ޓަރމިނަލްގައި ބޭއްވި ރަސްމިޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޒިންގ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ސީ.އީ.އޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޖެނެރަލް މެނޭޖަރ މިސްޓަރ ލުއޯ ވެއިގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އެމް.އޭ.ސީ.އެލް، އަދި މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޓެކްސީވޭ ޗާލީ ތަރައްޤީ ކުރުމުގެ އެއްބަސް ވުމާއި ފަހުމުނާމާގައި ސޮއި ކުރެއްވީ އެމް.އޭ.ސީ.އެލް ގެ ފަރާތުން ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ. އަދި ބީ.ޔޫ.ސީ.ޖީ ގެ ފަރާތުން ޖެނެރަލް މެނޭޖަރ ލުއޯ ވެއި އެވެ.
މިއެއްބަސްވުމުގެ ދަށުން އަންނަ ނޮޮވެމްބަރު މަހު ފަށާނެކަމަށާއި 2 އަހަރާއި ބައިގެ ތެރޭ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ކަމަށެވެ. މި ރަންވޭގެ ދިގުމިނުގައި 3200 މީޓަރު ހުރެއެވެ. މީގެއިތުރުން މިރަންވޭ ތަރައްޤީ ކުރެވިގެންދާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ.
މިމަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް މިއަހަރުގެ ޖެނުއަރީ މަހު އިފްތިތާހު ކުރި ބިޔަ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި ޓެކްސީވޭ ޗާލީ ތަރައްޤީ ކުރުމަކީ މި ޕްރޮޖެކްޓްގެ ދަށުން ފަށައިގަންނަ މުހިއްމު މަސައްކަތެކެވެ. އަދި އަދި ޓެކްސީވޭ ޗާލީ ތަރައްޤީކޮށް ނިމޭއިރު އެއަރޕޯޓުގެ އޮޕަރޭޝަންސް އިތުރަށް ފުޅާ ކުރެވި، ފްލައިޓް ޓަރން އެރައުންޑް ޓައިމް ކުޑަކޮށް، ޚިދުމަތް އަވަސްކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތެއްގައި މަތިންދާބޯޓު ޖައްސާނެ ރަންވޭ އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ވީއައިއޭގެ ޑިވެލޮޕްމަންޓަކީ ސަރުކާރުގެ ވަރަށް މުހިއްމު ސްޓްރެޓީޖިކް އިންވެސްޓްމެންޓެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެ ޙިއްސާބޮޑު ކުންފުނިކަމުގައި ވަނީ ފާހަަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޗައިނާ އިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލީޒިންގ ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ މަންޒިލަކަށް ހެދުމަށް ވީ.އައި.އޭ ތަރައްޤީ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އިޤްތިޞާދީގޮތުން ރާއްޖެ ތަރައްޤީވެގެންދާތަން ފެނުމަކީ ޗައިނާއިން އެދޭ ކަމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިންގާފައިވާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫއުތައް ކޮށްފައިވަނީ ބީ.ޔޫ.ސީ.ޖީ ކުންފުނިންނެވެ. އޭގެ ތެރޭގައި މިހާރު ބޭނުން ކުރަމުންދާ ކޯޑް އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާރމިނަލް، އައު ފަޔަރ ސްޓޭޝަން، އައު ކަރގޯ ޓަރމިނަލްއެއްގެ އިތުރުން އައު ފިޔުލް ފާމް ހިމެނެއެވެ.

