ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކިން ނިޒާމަށް ވަންނަ ޑޮލަރުން މާރުވަނީ 10 އިންސައްތަ: މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު-- ފޮޓޯ: އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގެ ބެންކިންގް ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ތެރެއިން މާރުވަނީ ހަމައެކަނި 10 އިންސައްތަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަނަރު މުނައްވަރު ވިދާޅުވިގޮތުގައި، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ނިމިދިޔަ އަހަރު ޓުއަރިޒަމް އިންޑަސްޓްރީއަށް 4.5 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ލިބިފައިވެއެވެ. މީގެ ތެރެއިން ބެންކިންގް ނިޒާމުގެ ތެރެއަށް އިންފްލޯގެ ގޮތުގައި ވަދެފައިވަނީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރެވެ. އަދި މީގެ ތެރެއިން ބެންކުތަކުގައި މާރުވެގެންދަނީ 10 އިންސައްތައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ގަވަނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި މުޅި އިންޑަސްޓްރީގެ ޖުމްލަ އާމްދަނީއަށް ބަލާއިރު މާރުވެގެންދަނީ ހަމައެކަނި 5 އިންސައްތަ ފައިސާއެވެ. މިކަމާ ގުޅޭގޮތުން ބެންކް އޮފް މޯލްޑިވްސްއިން ހިއްސާކުރާ މަޢުލޫމާތުތައް ހިސާބުތަކުން ސާބިތުކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަވަނަރު އިތުރަށް ވިދާޅުވީ، ބެންކުތަކުން ކަސްޓަމަރުންނަށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު އަދި ލިމިޓުތައް ދިނުމަށްޓަކައި ހަމައެކަނި ފޮރިން ކަރަންސީ ޑިޕޮސިޓް ކުރުމުން ނުފުދޭކަމަށެވެ. އޭގެ ބަދަލުގައި ފައިސާ މާރުކުރަންޖެހޭ ކަމަށާއި، އެގޮތަށް ޢަމަލުކޮށްގެން އެހެން ފަރާތްތަކަށް ބޭރު ފައިސާ ދޫކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ކުރިއާ އަޅާބަލާއިރު މިހާރު ޖުމްލަ އާމްދަނީގެ ތެރެއިން ބެންކިންގް ނިޒާމަށް ވަންނަ އަދަދު ދަށްވެފައިވާކަން ގަވަނަރު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ކުރިން ޖުމްލަ އަދަދުގެ 74 އިންސައްތައާ ގާތްކުރާ އަދަދެއް ނިޒާމުގެ ތެރެއަށް ވަދެފައިވާއިރު، މިހާރު އެ އަދަދު ވަނީ 52 އިންސައްތައަށް ދަށްވެފައެވެ. އަދި ކުރިން އިންފްލޯގެ ގޮތުގައި ވަންނަ އަދަދުގެ ތެރެއިން 19 އިންސައްތަ މާރުކުރެވޭއިރު، މިހާރު އެ އަދަދު ވަނީ 10 އިންސައްތައަށް ދަށްވެފައެވެ.

މި ހާލަތު މިހެން އޮތުމުން، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން، ގަވަނަރު މުނައްވަރު ވިދާޅުވީ މި ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަން އެމްއެމްއޭގެ ދިރާސާތަކުން ދައްކާކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ކުރިއާއި މިހާރާ އަޅާބަލާއިރު ހާލަތު ވަރަށް ބޮޑަށް ތަފާތުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.

ގަވަނަރު މިވާހަކަފުޅުން އެނގިގެންދަނީ ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ގިނަ ބައެއް ބެންކިންގ ނިޒާމުގެ ބޭރުން ދައުރުވަމުންދާކަމެވެ. މިކަމުގެ ސަބަބުން ޤައުމަށް ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ރަސްމީ ނިޒާމުގެ ތެރެއިން ބޭނުންކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއްކަމަށް ވުމާއެކު، ސަރުކާރުންނާއި އެމްއެމްއޭއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: