އިތުރަށް ވާހަކަފުޅު ދައްކަވަމުން، ގަވަނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި މުޅި އިންޑަސްޓްރީގެ ޖުމްލަ އާމްދަނީއަށް ބަލާއިރު މާރުވެގެންދަނީ ހަމައެކަނި 5 އިންސައްތަ ފައިސާއެވެ. މިކަމާ ގުޅޭގޮތުން ބެންކް އޮފް މޯލްޑިވްސްއިން ހިއްސާކުރާ މަޢުލޫމާތުތައް ހިސާބުތަކުން ސާބިތުކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގަވަނަރު އިތުރަށް ވިދާޅުވީ، ބެންކުތަކުން ކަސްޓަމަރުންނަށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު އަދި ލިމިޓުތައް ދިނުމަށްޓަކައި ހަމައެކަނި ފޮރިން ކަރަންސީ ޑިޕޮސިޓް ކުރުމުން ނުފުދޭކަމަށެވެ. އޭގެ ބަދަލުގައި ފައިސާ މާރުކުރަންޖެހޭ ކަމަށާއި، އެގޮތަށް ޢަމަލުކޮށްގެން އެހެން ފަރާތްތަކަށް ބޭރު ފައިސާ ދޫކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ކުރިއާ އަޅާބަލާއިރު މިހާރު ޖުމްލަ އާމްދަނީގެ ތެރެއިން ބެންކިންގް ނިޒާމަށް ވަންނަ އަދަދު ދަށްވެފައިވާކަން ގަވަނަރު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ކުރިން ޖުމްލަ އަދަދުގެ 74 އިންސައްތައާ ގާތްކުރާ އަދަދެއް ނިޒާމުގެ ތެރެއަށް ވަދެފައިވާއިރު، މިހާރު އެ އަދަދު ވަނީ 52 އިންސައްތައަށް ދަށްވެފައެވެ. އަދި ކުރިން އިންފްލޯގެ ގޮތުގައި ވަންނަ އަދަދުގެ ތެރެއިން 19 އިންސައްތަ މާރުކުރެވޭއިރު، މިހާރު އެ އަދަދު ވަނީ 10 އިންސައްތައަށް ދަށްވެފައެވެ.
މި ހާލަތު މިހެން އޮތުމުން، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން، ގަވަނަރު މުނައްވަރު ވިދާޅުވީ މި ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަން އެމްއެމްއޭގެ ދިރާސާތަކުން ދައްކާކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ކުރިއާއި މިހާރާ އަޅާބަލާއިރު ހާލަތު ވަރަށް ބޮޑަށް ތަފާތުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.
މި މައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއްކަމަށް ވުމާއެކު، ސަރުކާރުންނާއި އެމްއެމްއޭއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

