ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިރުޝާދު ނުދޭނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމްވަނީ ދިވެހިރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާފައެވެ. އުޝާމް ވިދާޅުވީ، ޕާސްޕޯޓު ބޭން ކުރުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ބިލެއްކަމަށާއި އެހެންކަމުން މަޖިލީހުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކަށް އޭނާ ކޮމެންޓް ނުކުރައްވާނެކަމަށާއި އެ މުއައްސަސާއިން ކުރާ ވަކި މަސައްކަތެއް ވަކި ގޮތަކަށް ކުރަންޖެހޭކަމަށް ސަރުކާރުގެ ފަރާތުން ނާންގާނެކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަކި މަސައްކަތެއް އަވަސް ކުރުމަށާއި ލަސްކުރުމަށް ސަރުކާރުން ނާންގާނެކަމަށެވެ.
ޗާގޮސް ސަރަހައްދު މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވުމާއިއެކު ރާއްޖެއިން އަމަލުކުރާނެ ގޮތާއިމެދުވެސް ނޫސްވެރިޔަކުވަނީ ސުވާލުކޮށްފައެވެ. އުޝާމް ވިދާޅުވީ، ޗާގޮސް އާއި ގުޅިގެން ސަރުކާރުން ކުރަމުން އައިސްފައިވާ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށާއި އެހެންނަމަވެސް އެކަމުގައި ބަދަލުތަކެއް އައިސްފައިވުމުން މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ ބައިނަލްއަގުވާމީ މާހީރުންގެ ލަފާއާއި އިރުޝާދު ހޯދުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، އެއް އޮޕިނިއަން ލިބިފައިވާކަމަށާއި ސަރުކާރުން ތިބީ އެހެން އޮޕިނިއަންތައް ލިބުމުގެ އިންތިޒާރުގައިކަމަށެވެ. އުޝާމް ވިދާޅުވީ، އެ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ކަމާއި ބެހޭ މާހީރުންގެ ލަފާ ހޯދައިގެން ކުރެވޭ ޒާތުގެ މަސައްކަތްތަކެއްކަމަށާއި ކަމާއި ގުޅުން ހުރި ހާލަތްތަކަށް ބަދަލުތައް އައުމުން ރާއްޖެއިން ތައްޔާރުކުރަމުންދާ ސްޓްރެޓެޖީތަކާއި މަސައްކަތްތަކަށް ބަދަލުތައް ގެންނަން ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާކަމަށާއި، އިނގިރޭސިވިލާތުން ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް ނިންމާފައިވުމުން މިހާރު މަސައްކަތްތައް ކުރަމުންދަނީ އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ލަފާ ހޯދުމަށްކަމަށް ސާފުކޮށްދެއްވިއެވެ.

